ރިސޯޓެއްގައި ފުވައްމުލަކު ޒުވާނެއް ކުއްލިގޮތަކަށް މަރުވެއްޖެ

ހެރެތެރަ ރިސޯޓް -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީ, ހެރެތެރެ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެ ޒުވާނާގެ އާއިލީ ގާތް މީހަކު ބުނީ, ފުވައްމުލަކު, މާލެގަން, ޑިމުސް, ޢަރީޝް މުޙައްމަދު, 28, ރޭ ފެނިފައިވަނީ އޭނާ މަސައްކަތް ކުރާ ހެރެތެރެ ރިސޯޓްގައި ވެއްޓިފައި އޮއްވައި ކަމަށެވެ.

ފަރުވާ ދިނުމަށް ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަރުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ވެފައި ނުވާ ކަމަށެވެ.

އެ ޒުވާނާ ދަންނަ ފުވައްމުލަކު މީހުން ބުނިގޮތުގައި ޢަރީޝްއަކީ ކުރިން ވެސް ފިޓް ޖެހޭ މީހެއް ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ފިޓް ޖެހިގެން އޭނާ މަރުވީ ކަމަށެވެ.

އެ ޒުވާނާ ކުރިން މަސައްކަތް ކުރީ ފުވައްމުލަކު ގަރާޖެއްގައި ކަމަށާއި ހެރެތެރެ ރިސޯޓަށް ވަޒީފާއަށް ދިޔަތާ އަދި މާ ދުވަހެއް ނުވާނެ ކަމަށް އޭނާ ދަންނަ މީހުން ބުނެއެވެ.

ޢަރީޝްގެ ހަށިގަނޑު ފުވައްމުލަކަށް ގެންގޮސް މިއަދު މެންދުރު ނަމާދަށް ފަހު ކަށުނަމާދުކޮށް ވަނީ ވަޅުލައިފައެވެ.

comment ކޮމެންޓް