ގިނަ ގޭމުތަކަކާއި ލައިވް މިއުޒިކް ޝޯ ވެސް ހިމެނޭހެން އިންތިޒާމްކޮށްގެން ފުވައްމުލަކުގައި ބޭއްވި އައިލެންޑް ކާނިވަލަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އަމާޒަކީ އަހަރަކު ދެ ފަހަރު މި ކާނިވާ ކުރިއަށް ގެންދިޔުން ކަމަށް، އެޑްވެންޗާ އަޕް އިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އެޑްވެންޗާ އަޕް އިން އިންތިޒާމްކޮށްގެން ފުވައްމުލަކުގައި ބޭއްވި ކާނިވާ ފެށީ، އެ ސިޓީގެ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އެ ސިޓީގެ އެންމެ ބޮޑު ނައިޓްމާކެޓު "ރަށިބާޒާރޮ"އާ އެކުއެވެ.
އެގޮތުން އައިލެންޑް ކާނިވާ އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔައިރު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރަށިބާޒާރޮ ކުރިއަށް ދާނެއެވެ.

އައިލެންޑް ކާނިވަލާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އެޑްވެންޗާ އަޕްގެ މެނޭޖިން ޑިރެކްޓަރު ޝާމް ނަސީރު ވިދާޅުވީ، ކާނިވަލަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ރަނގަޅު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށަށް ކާނިވާ ފުޅާކުރުމަކީ އެޑްވެންޗާ އަޕްގެ އަމާޒެއް ކަމަށެވެ.
އެގޮތުން އަމާޒަކީ އަހަރަކު ދެ ފަހަރު ކާނިވާ ކުރިއަށް ގެންދިއުން ކަމަށް ޝާމް ވިދާޅުވިއެވެ. ދެން ކާނިވާ ބާއްވާނެ ރަށެއް ނިންމާނީ ފުވައްމުލަކުގެ ކާނިވަލަށް ފަހު އަންނަ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ޝާމް ވިދާޅުވިއެވެ.
View this post on Instagram
ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މި ކާނިވަލުގައި މޯލްޑިވިއަން އައިޑަލުން އާންމުންގެ މަގްބޫލުކަން ހޯދި އަބްދުﷲ ހިޝާނާއި، ޓޫއޮފްއަސް ބޭންޑުން ވިދާލި މުހައްމަދު ނަސޫހުގެ އިތުރުން، ކްލިއޯ ބޭންޑުގެ ހުށަހެޅުންތައް ދައްކާލާފައިވެއެވެ.
އެ ކާނިވަލުގައި އަތޮޅުތެރޭގައި ތަޖުރިބާ ކޮށްލަން އާންމުކޮށް ނުލިބޭ ފަދަ ތަފާތު ގޭމުތައް ހިމަނާފައިވެއެވެ. އެގޮތުން ބުލް ރައިޑިންއާއި ވައިޕްއައުޓާއި ރިފްލެކްސް ގޭމާއި ލޭޒާ ޓެގާއި ގްލެޑިއޭޓާ ޑުއެލް ފަދަ ގޭމްތައް މި ކާނިވާގައި ހިމަނާފައިވެއެވެ.