ކުށް ސާބިތުވެ، ޝަހީބު އެންމެފަހުން އުމުރަށް ޖަލަށް

ޝަހީބު އިބްރާހީމް: އޭނާ އުމުރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި—- ފޮޓޯ: ޕީއެސްއެމް

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ސާބިތުވުމާ ގުޅިގެން, ގއ. ވިލިނގިލި، ލައިޓްހައުސް, ޝަހީބު އިބްރާހީމް, އުމުރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޝަހީބު އުމުރަށް ޖަލަށްލީ މައްސަލައަކީ ހުޅުމާލޭ ފަޅުތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެވެ.

އެ މައްސަލައިގައި އޭނާގެ އިތުރުން ފަސް މީހަކަށް ދައުވާކުރިއެވެ. އެއީ:

  • އަހުމަދު މޫސާ، ހއ. ހޯރަފުށި، ވައިލެޓްވިލާ
  • އަސީމް މާހިރު، ގއ. ވިލިނގިލި، ދުންފިނިގެ
  • އަނަސް ހުސައިން، ޅ. ހިންނަވަރު، ސެލް
  • އިގުބާލް، ބަންގްލަދޭޝް
  • މުހައްމަދު ރިޔާދު، ބަންގްލަދޭޝް

އެ މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

https://www.sun.mv/211574

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ޝަހީބު ހިމެނޭހެން ހަ މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ.

އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލިއެވެ. ބަންދުން ދޫކޮށްލުމުން، ޝަހީބު ފިލައިގެން ވެސް އުޅުނެވެ. ޝަހީބު ފިލައިގެން އުޅެނިކޮށް އަލުން އޭނާ ހައްޔަރު ކުރީ، އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ފުލުހުންނާ ހަވާލުވުމުން މިދިޔަ ބުރާސްފަތި ދުވަހެވެ.

އެ މައްސަލައިގައި އެ ހަ މީހުންގެ މައްޗަށް ވެސް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައެވެ. އޭގެ ތެރެއިން ކޮންމެ ދައުވާއެއްގައި އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

އަނަސް ހުސައިނާއި އަސީލް މާހިރުގެ މައްޗަށް އެ ދެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ ކޮންމެ މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި މުހައްމަދު ރިޔާދު ބަނގުރާ ފުޅިތައް ގެންގުޅެފައިވާތީ، ހުއްދަ ނަގަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގައި އިތުރު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.

އެ މީހުންނަށް ކުރި ހުކުމްތަކަށް ބަލާއިރު ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ކުރީ 50 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި އަސީލް މާހިރު 53 އަހަރަށް ޖަލަށްލީއިރު، އޭނާ ޖޫރިމަނާކުރީ ހަތަރު މިލިއަން ރުފިޔާއިންނެވެ.

އަނަސް ހުސައިނަށް ވެސް 53 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، އޭނާގެ ޖޫރިމަނާކުރީ ދެ ލައްކަ ރުފިޔާއިންނެވެ. ބަންގްލަދޭޝަށް ނިސްބަތްވާ އިގުބާލް ވަނީ 50 އަހަރަށް ޖަލަށް ލައި، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ހަމަ އެ ގައުމަށް ނިސްބަތްވާ ރިޔާދަށް ވެސް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްކޮށް، ދެ ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ދޯނިން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝަހީބަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. ކޯޓުން ކުރިން ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިތަކާއެކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ހައުސިން މިިނިސްޓްރީގެ ކޯޑިނޭޓަރުކަން ޝަހީބު ކުރިއެވެ. ފަހުން ވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ސަސްޕެންޑު ކޮށްފައެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރި މީހެކެވެ.

comment ކޮމެންޓް