ފަތުރުވެރިންގެ މެދުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ލީޑިން އެޑްވެންޗާ މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ސިނަމަން ގްރޭންޑް ހޮޓަލުގައި ބޭއްވި ނުވަވަނަ ސަޓާ އެވޯޑުގެ ހަފުލާގައި ރާއްޖެ 16 ކެޓަގަރީއަކުން ރަންވަނަ ހާސިލުކުރިއިރު، 19 ކެޓަގަރީއަކުން ވަނީ ރިހިވަނަ ހާސިލުކޮށްފައެވެ.
އެގޮތުން ސިނަމަން ވެލިފުށި ރިސޯޓު ދެކުނު އޭޝިއާގެ ލީޑިން ބީޗް ރިސޯޓުގެ ކެޓަގަރީން ރަންވަނަ ހާސިލުކުރިއިރު، ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓަށް ވަނީ ލީޑިން ލަގްޒަރީ ރިސޯޓުގެ ކެޓަގަރީން ރަންވަނަ ލިބިފައެވެ. އަދި، ލީޑިން ޓްރާންސްޕޯޓް ޕްރޮވައިޑަރުގެ އެވޯޑު ޓްރާންސް މޯލްޑިވިއަނަށް ލިބުނުއިރު، ލީޑިން އެއާޕޯޓު ހޮޓެލުގެ މަގާމު ލިބުނީ ހުޅުލެ އައިލެންޑް ހޮޓަލަށެވެ.
މީގެ އިތުރުން، ގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ނެގި ވޯޓުން ރާއްޖެއަށް ވަނީ ދެކުނު އޭޝިއާގެ ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަންގެ ރަންވަނަ ވެސް ލިބިފައެވެ.

ސަޓާ އެވޯޑު ހަފުލާގެ ތެރެއިން: ރާއްޖެއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައި -- ފޮޓޯ/ ސަޓާ
ހަމައެއާއެކު، ވޮޔޭޖަސް މޯލްޑިވްސްއާއި އޭސް ޓްރެވަލްސްއިން ލީޑިން ޓްރެވަލް އޭޖެންޓުންގެ ކެޓަގަރީތަކުން ރިހިވަނަ ހާސިލުކުރިއިރު، ކ. މާފުށީގައި ހުންނަ ކާނި ބީޗް ހޮޓަލުން ވަނީ ލީޑިން ސިޓީ ހޮޓެލްގެ ކެޓަގަރީން ރިހިވަނަ ހާސިލުކޮށްފައެވެ.
އަދި، ލީޑިން ވެޑިން ރިސޯޓުގެ ކެޓަގަރީން ފުށިފަރަށް ރިހިވަނަ ލިބުނުއިރު، ލީޑިން ހެރިޓޭޖް ރިސޯޓުގެ ކެޓަގަރީން އީކުއޭޓާ ވިލެޖު ރިހިވަނަ ހޯދާފައިވެއެވެ.

ސަޓާ އެވޯޑް ހަފުލާގައި ރާއްޖޭގެ ބައެއް ފަރާތްތައް: ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބުނު -- ފޮޓޯ/ ސަޓާ
ހަމަ އެހެންމެ، ލީޑިން ލަގްޒަރީ ރިސޯޓުގެ ކެޓަގަރީން ރަންވަނަ ހާސިލުކުރި ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓަށް ވަނީ ލީޑިން ވެލްނެސް އެންޑް ސްޕާގެ ކެޓަގަރީން ރިހިވަނަ ލިބިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ނުވަވަނަ ސަޓާ އެވޯޑުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހަތަރު ފަރާތެއްގެ އަގުވަޒަންކުރިއިރު، އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަދި ބަނޑޮސް އައިލެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު ވަހީދުއްދީން ހިމަނާފައިވެއެވެ.
ކުރިން 2016ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދެމުން އަންނަ ސަޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަން ފާހަގަކުރުމުގެ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.