ރާއްޖޭގެ މާކެޓުގައި އައިފޯން 17 ސީރީޒްގެ ފޯނުތަކުގެ އަގުތައް، ބައިނަލްއަގުވާމީ މާކެޓާ އަޅާބަލާއިރު، ވަރަށް ބޮޑަށް މަތިކަން ފާހަގަކުރެވިއްޖެއެވެ.
އެޕަލްގެ އައިފޯން 17 ސީރީޒް މި މަހުގެ ނުވައެއްގައި ތައާރަފުކުރުމަށް ފަހު މިހާރު އެކި ގައުމުތަކުގައި އަންނަނީ ވިއްކަމުންނެވެ.
އެޕަލްއިން އައިފޯން 17 ޕްރޯގެ 256ޖީބީ ވިއްކާ އަގަކީ 1099 ޑޮލަރު (ރަސްމީ ރޭޓުގައި 16,947.58 ރުފިޔާ)އެވެ. އަދި އައިފޯން 17 ޕްރޯ މެކްސްގެ 256ޖީބީގެ އަގަކީ 1199 ޑޮލަރު (18,489.58 ރުފިޔާ) ކަމަށްވާއިރު، އެ ކުންފުނީގެ އެންމެ ތުނި ފޯނު ކަމަށްވާ އައިފޯން އެއާގެ އަގަކީ 999 ޑޮލަރު (15,284.54 ރުފިޔާ)އެވެ.
ރާއްޖޭގައި ވެސް ބައެއް ވިޔަފާރިތަކުން އައިފޯނުގެ ޕްރީއޯޑަރަށް ހުޅުވާލައިފައިވާއިރު، ބައިނަލްއަގުވާމީ މާކެޓުގެ އަގުތަކާ އަޅައިބަލާއިރު އަގުތައް ވަރަށް ބޮޑުކަން ފާހަގަވެއެވެ. އެގޮތުން ގިނަ ފިހާރަތަކުން އައިފޯން ވިއްކާ އަގަށް ބަލާއިރު:
- އައިފޯން 17 ޕްރޯ މެކްސް 256ޖީބީ މޮޑެލް 32,999 ރުފިޔާއަށް
- އައިފޯން 17 ޕްރޯ 256ޖީބީ މޮޑެލް 28,999 ރުފިޔާއަށް
- އައިފޯން 17 256ޖީބީ މޮޑެލް 21,499 ރުފިޔާއަށް
- އައިފޯން އެއާ 256ޖީބީ މޮޑެލް 26,999 ރުފިޔާއަށް
މި އަގުތައް މިހާ ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމެވެ. ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ބޭންކުތަކުން ނުލިބޭތީ، އެމީހުންނަށް މަޖުބޫރުވަނީ ކަޅު ބާޒާރުން ޑޮލަރު ގަންނާށެވެ.
މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. މިކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މާކެޓުން 1099 ޑޮލަރަށް ގަންނަ އައިފޯން 17 ޕްރޯ 256ޖީބީ މޮޑެލްގެ އަގު، ބްލެކްމާކެޓް ރޭޓުން ބަލާއިރު 21,980 ރުފިޔާއަށް އަރައެވެ. މިއީވެސް ރާއްޖޭގެ ވިއްކާ އަގަށްވުރެ ދަށް އަގެއް ނަމަވެސް، ޑޮލަރުގެ ދަތިކަމުގެ ސަބަބުން އިތުރު ޚަރަދުތައް ކުރަންޖެހެއެވެ.
އެހެންވެ، ވިޔަފާރިވެރިންނަށް ފައިދާއާއެކު ވިއްކޭނީ ބޮޑު އަގުތަކެއްގައި ކަމަށް ފޯނު ވިއްކާ ފަރާތްތަކުން ބުނެއެވެ.
އައިފޯން 17 ސީރީޒްގެ ފޯނުތަކުގެ އަގު މިހާ ބޮޑުވުމަކީ، ޑޮލަރުގެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، މުސްތަގުބަލުގައިވެސް މިފަދަ އިތުރު މައްސަލަތައް ކުރިމަތިވެދާނެކަމުގެ ނިޝާނެކެވެ.
އައިފޯންގެ އަގު ބޮޑުވި ނަމަވެސް، ޑިމާންޑް ދަށްނުވާ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިރާގުން އައިފޯން 17 ޕްރޯއާއި 17 ޕްރޯ މެކްސްއަށް ޕްރީއޯޑާކުރަން ހުޅުވާލުމާއެކު، ކުޑަ ވަގުތުކޮޅެއް ތެރޭ އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.