ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމާ ގުޅުންހުރި ބައެއް ޚިދުމަތްތައް، މިއަދުން ފެށިގެން ލިބޭނީ "ޓްރޭޑިއަން" މެދުވެރިކޮށް އެކަނި ކަމަށް އިއުލާންކޮށްފިއެވެ.
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމު "ޓްރޭޑިއަން" އިފުތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ތިނެއްގައެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، މިއީ ވިޔަފާރީގެ މުއާމަލާތައް ލުއިފަސޭހަ ކަމާއެކު ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓްރޭޑިއަންގެ ޚިދުމަތްތައް ދޭން ފެށީ ދެ ފިޔަވަައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ޓްރޭޑިއަންއިން ދޭ ޚިދުމަތްތައް، އެހެން ޕްލެޓްފޯމްތަކުން ވެސް ލިބޭ ގޮތްވަނީ ހަދައިފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ޚިދުމަތް މިހާރު ލިބޭނީ ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބޭރަށް ދަތުރުކުރާ އުޅަނދު ރެޖިސްޓާކުރުން
- އުޅަނދު އަންނާނެ ނުވަތަ ފުރާނެ ކަމަށް ބެލެވޭ ގަޑި
- މެނިފެސްޓް ސަބްމިޝަން
- އިމްޕޯޓާއި އެކްސްޕޯޓުގެ ބައެއް ހުއްދަތަކާއި ލައިސެންސްތައް
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، ޓްރޭޑިއަން ބޭނުންކުރެވޭނީ ރަޖިސްޓްރީ ކޮށްގެނެވެ.
ޓްރޭޑިއަންއިން ފުރަތަމަ ފިޔަވަހީގައި ދޭން ފެށި ޚިދުމަތްތަކަކީ:
- ޓްރޭޑްނެޓް މޯލްޑިވްސް ކޮޕަރޭޝަން - ސިސްޓަމް އޮޕަރޭޓުކުރުން
- މޯލްޑިވްސް ކަސްޓަމް ސާވިސް - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން
- ޑިފެންސް މިނިސްޓްރީ - ކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން، އަލިފާން ނިއްވާ ތަކެތި އަދި މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން
- އިކޮނޮމިކް މިނިސްޓްރީ - ބަނގުރަލާއި އޫރު މަސް އެތެރެކުރުމުގެ ހުއްދަ ދޫކުރުން
- އިންފްރާސްޓްރަކްޗާ މިނިސްޓްރީ - ކޮންސްޓްރަކްޝަން މެޓީރިއަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން, މުދާ އުފުލުން، ގޭޓުތައް ބެލެހެއްޓުން
- ޓޫރިޒަމް މިނިސްޓްރީ - ޑިއުޓީ ލުއިކޮށްދިނުން
- ޓްރާންސްޕޯޓް މިނިސްޓްރީ - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން
- އިމިގްރޭޝަން - އުޅަނދު ޑިކްލަރޭޝަން
- ޕޯޓް ހެލްތު - އުޅަނދު ޑިކްލަރޭޝަން
- އެމްއެންޑީއެފް - އުޅަނދު ޑިކްލަރޭޝަން
- ޕްރައިވެޓް ސެކްޓާ - އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރު (އީޑީއޯ)
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ސިސްޓަމްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު ފަހުކޮޅު ވަނީ ފަށާފައެވެ.