ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކީޕަރު އިފްރާހް ނިޔާވެއްޖެ

ކީޕަރު އިފްރާހް

ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން ދިވެހި ފުޓުބޯޅައިގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދިން ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް (އިފްރާ) ނިޔާވެއްޖެއެވެ.

"ސަން" އަށް މައުލޫމާތުދެމުން އާއިލާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އުމުރުން 36 އަހަރުގެ އިފްރާހް ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އިފްރާހަށް ވަނީ މީގެ ދެ ދުވަސްކުރިން ހެމޮރެޖިކް ސްޓްރޯކެއް ޖެހިފައެވެ. އެ ސްޓްރޯކުގެ ސިކުނޑިއަށް އެޅުނު ލޭ ސާފުކުރުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްކޮށް ލޭ ސާފެއް ނުކުރެވެއެވެ. އެހެންކަމުން ސިކުނޑީގެ ދުޅަ ތިރިކުރުމަށް އިންޑިއުސްޑް ކޯމާއެއްގައި އޮތް ނަމަވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިރޭ ވަނީ ނިޔާވެފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް އިފްރާހް ހޯދި ނަމަވެސް އޭނާގެ ގައުމީ މަސައްކަތް ފާހަގަކޮށްލެވެއެވެ. ކުލަބު ވެލެންސިއާ އިން ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ ޒުވާން ގައުމީ ޓީމާއެކު ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ސްކޮޑުގައި ވެސް އިފްރާހް ހިމެނެއެވެ. މިއީ އޭނާ ގައުމީ ސްކޮޑާ ގުޅުނު ދެވަނަ އަހަރު ހޯދި ކާމިޔާބީއެކެވެ.

އިފްްރާހް ނިޔާވުމުން ފުޓުބޯޅަ އާއިލާގެ ގިނަ މެމްބަރުން ދަނީ ތައުޒިޔާގެ މެސެޖު ފޮނުވަމުންނެވެ.

comment ކޮމެންޓް