ދިވެހީންގެ ހިތްތައް ބަލި: ފަރުވާއަށް ކުރަން ހުރި މަސައްކަތް ގިނަ!

ކުޑަކުއްޖެއް ޑޮކްޓަރަށް ދައްކަނީ: ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު --

ދިވެހީން މަރުވާ ސަބަބުތަކުގެ ތެރެއިން 38 ޕަސެންޓް ގުޅިފައިވަނީ ހިތުގެ ބަލިތަކާ ކަމަށްވާއިރު, އެފަދަ ބަލިތަކުން ދިވެހީން ރައްކާތެރި ކުރުމަށާއި އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް, ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

މިއަދަކީ ދުނިޔޭގެ ހިތުގެ ޖަމިއްޔާއިން އިސް ނަގައިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަ ކުރާ, ދުނިޔޭގެ ހިތުގެ ދުވަހެވެ. މިއީ އެ ދުވަސް ފާހަގަކުރާ 25 ވަނަ އަހަރެވެ.

ހިތުގެ ބަލިތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ, ޓައިނީ ހާޓްސްއިން މި ދުވަހާ ގުޅިގެން ބުނީ ހިތުގެ ބައްޔަކީ ރާއްޖޭގައި އަދިވެސް އެންމެ ގިނަ މަރުތަކުގެ އަސްލު ކަމަށެވެ.

ރިކޯޑެއް ހެދުމަށް ޓައިނީ ހާޓްސް އިން ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ހިތުގެ ބަލިތަކަށް ހުށަހެޅޭ މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށްވާއިރު, މި ސަރުކާރުން ޖެނެރޭޝަން ބޭނެއް ކަނޑައެޅުމަކީ އެ ޖަމިއްޔާއިން މަރުހަބާ ކިޔާ ކަމެއް ކަމަށް ބުނެފައިވެއެވެ. ހަމަ އެހެންމެ ހިތާއި ލޭނާރުތަކުގެ ބަލިތަކުން ދިވެހީން ރައްކާތެރި ކުރުމަށާއި އެކަށޭނަ ފަރުވާ ކަށަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"އަޅުގަނޑުމެން ގޮވާލަނީ ގައުމީ ފެންވަރެއްގައި ބަލަހައްޓާ ހިތުގެ ބަލިތަކުގެ ރަޖިސްޓްރީއެއް ގާއިމު ކުރުމަށް. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެއް ހަމައެއްގައި އަމިއްލަ ރަށުގައި ހިތުގެ ސިއްހަތު ބެލުމާއި ފަރުވާ ހޯދުން ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުން," ޓައިނީ ހާޓްސްއިން ބުންޏެވެ.

ކޮންމެ ރަށެއްގައި ވެސް އުޅޭ ހިތުގެ ބަލި ހުންނަ މީހުންނާއި އެފަދަ ބައްޔަށް ހުށަހެޅިދާނެ މީހުންގެ މައުލޫމާތު އެއްކޮށް, ހޭލުންތެރި ކުރުވުމާއި ފަރުވާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ވެސް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

ހަމަ އެހެންމެ ދިވެހި ރާއްޖޭގައި ހިތާއި ލޭނާރުތަކުގެ ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރެއްގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް އެ ޖަމިއްޔާއިން ގޮވާލިއެވެ.

https://www.sun.mv/210921

ރާއްޖޭގައި ހިތުގެ ބަލީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ފުރިހަމަ ދިރާސާއެއް ކުރުމަށާއި އުފަން ވުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ވައި ތަގައްޔަރު ކުރާ މާއްދާތަކަކީ ހިތުގެ ބަލިތައް ޖެހުމަށް ވާގިދޭ ވަސީލަތެއް ކަމަށްވާތީ އެ މާއްދާތައް ރާއްޖޭގެ މާހައުލުގައި މަދުކުރުމަށް, ޑަބްލިޔުއެޗްއޯއިން 2021 ވަނަ އަހަރު ހަދާފައިވާ ގައިޑް ލައިންތައް ތަސްދީގު ކުރުމަށް ވެސް ގޮވާލާ ކަމަށެވެ.

ޓައިނީ ހާޓްސްއިން އިތުރަށް ބުނީ ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުވާ ފެންވަރުގައި ވެސް, ލޭގެ ޕްރެޝަރު ބެލުމާއި ކޮލެސްޓްރޯލާއި ހަކުރު ހުރި މިންވަރު ބަލައި ޔަގީންކުރަން އިލްތިމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް