ސުޕަ ލީގުގައި ވާދަކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މި އަހަރު އަލަށް ބާއްވަަން ތައްޔާރުވާ "ރާއްޖެ ސުޕަ ލީގު"ގައި ވާދަކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ ރަށަކުންވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ވޮލީގެ ފޯރިގަދަކުރުމުގެ ގޮތުން ބާއްވާ މި މުބާރާތުގެ އެންޓްރީ ފީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 5000 ރުފިޔާއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ބާއްވަން ތައްޔާރުވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިހާރު އޮތްގޮތުން މުބާރާތް ފަށާނީ ޑިސެމްބަރު 28 ގައެވެ.

މީގެކުރިން ވީއޭއެމުން މަސައްކަތްކުރީ އެ ތާރީޚުގައި ބީޗު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށެވެ. ނަމަވެސް ފަހުން އެ އެސޯސިއޭޝަނުން ވަނީ އެ މުބާރާތް އިންޑޯ މުބާރާތަކަށް ބަދަލުކޮށްފައެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3317015 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރާނަމަ، [email protected] އަށް މެއިލް ކުރަން ވީއޭއެމުން ވަނީ އެދިފައެވެ.

ސީނިއާ އުމުރުފުރާގެ އިތުރުން ޖޫނިއާ އުމުރުފުރައަށް ޚާއްސަކޮށް ވީއޭއެމުން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާއްޖޭގައި ޖޫނިއާ މުބާރާތް ބާއްވާފައެވެ.

މީގެ އިތުރުންވެސް ވީއޭއެމުން ވަނީ މި އަހަރުގެ މިހާތަނަށް ވޮލީގެ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވާފައެވެ. އަދި ކޯޗުން ތަމްރީނުކުރުމުގެ ބޮޑެތި ޕްރޮގްރާމުތަކާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ މުބާރާތެއް ވެސް މި އަހަރު ރާއްޖޭގައި ވަނީ ބާއްވާފައެވެ.

comment ކޮމެންޓް