މުޒާހަރާ ކުރަން އުޅެނީ ވެރިކަން ހޯދަން, ބައިވެރި ނުވާތި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ވ) ރައީސް މުއިއްޒާއެކު: -- ފޮޓޯ/ ރައީސް އޮފީސް

"ލޫޓުވައިފި, ލޫޓުވައިފި" ނަމުގައި މިރޭ އެމްޑީޕީން އިސްވެ އޮވެ ކުރާ މުޒާހަރާއަކީ ވެރިކަން ހޯދަން ކުރާ "ބޮޑު ނުބައި" އަމަލެއް ކަމަށާއި އެ މުޒާހަރާގައި ބައިވެރިނުވާން އާއްމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު, ރައީސް ޑރ. މުޙައްމަދު މުއިއްޒު, ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވި ގާސިމް ސޯޝަލް މީޑިގާއި ލެޓިންއިން ވަރަށް ދިގުކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ބާއްވާ މުޒާހަރާއަކީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ފަނާ ކުރަނިވި މުޒާހަރާއެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އެހެންކަމުން އެ މަނިކުފާންގެ ޕާޓީ ޖޭޕީ އާއި ދިވެހި އެހެން ރައްޔިތުން ވެސް އެ މުޒާހަރާއަށް ނުދިއުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

"އެއީ ވެރިކަން ހޯދަން ވެގެން ކުރާ ބޮޑު ނުބައި ކަމެއް. އެއްވެސް ކަމެއް މި އޮއް ބޮޑު ދަރަނިވެރި ހާލަތުގައި ކޮށް ދެވޭނެތީ ކުރާ ކަމެއް ނޫން. އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި އަމަލެއް," ގާސިމް ވިދާޅުވިއެވެ.


އެ މަނިކުފާން ވިދާޅުވިގޮތުގައި މި ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ ވޭތުވެދިޔަ ތިންހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމެވެ. ގައުމަށް މިހާރު ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ އެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

"މި ދަރަނިތައް ނުދެއްކިއްޖެ ނަމަ މުޅި ގައުމު ބެންކުރަޕްޓް ވާނެ. ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. މުސާރަތައް ވެސް އެ ދެއްވަނީ އެ ގޮތްމިގޮތް ހަދައިގެން," ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވިގޮތުގައި ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިޔާނާތްތައް ހިންގާފައިވާ ކަމަށެވެ. އެކަންކަން އިސްލާހު ކުރަން އެ ސަރުކާރުތަކުން އެއްކަމެއް ވެސް ނުކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މި ސަރުކާރުގައި އެފަދަ ކަންކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދޭތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވާތަން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވީމާ މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަ ޖައްސާލުން ނޫންބާ?" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް
ގާސިމް ވިދާޅުވީ އެ މަނިކުފާންގެ ނަސޭހަތަކީ މި މުޒާހަރާގައި ބައިވެރިނުވުން ކަމަށެވެ. އަދި ގައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މި މުޒާހަރާއަކީ ގައުމު "އިނދަޖައްސާލަން," ކުރާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމްގެ ޖޭޕީއިން ވަނީ މި ސަރުކާރު ފިޔަވާ މިފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ސަރުކާރެއްގެ ކޯލިޝަންގައި ހިމެނިފައެވެ. އަދި މިދިޔަ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވެސް އެ ޕާޓީ އޮތީ އެ ސަރުކާރުގެ ކޯލިޝަންގައެވެ. އެވެރިކަން ފެށިގެން ނިމުމާ ހަމައަށް ގާސިމްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ސިޔާސީ މަގާމެއްގައި އެ ޕާޓީގެ ބޭފުޅުން ތިއްބެވިއެވެ.

ގދ. ކާޑެއްދޫ އެއާޕޯޓަށް ވިލާއިން ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި، ލީސް އެގްރިމަންޓު ބާތިލުކޮށް ސަރުކާރަށް އެއާޕޯޓު ނަގައި ގާސިމްގެ ވިލާ އެއާއަށް ދައުލަތުން 18 މިލިއަން ޑޮލަރު ދޭން މި ސަރުކާރުން ހުށަހަޅައިފައި އޮތުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.

comment ކޮމެންޓް