އިސްރާއީލާ ގުޅުން އޮންނަ ޖަމާއަތަކުން ފަލަސްތީނުގެ ނޫސްވެރިޔާ ޞާލިޙް އަލްޖަފަރާވީ ޝަހީދުކޮށްލައިފި

އިސްރާއީލާ ގުޅުން އޮންނަ ކަމަށް ބެލެވޭ ޖަމާއަތަކުން ޝަހީދުކޮށްލި ފަލަސްތީނުގެ ނޫސްވެރިޔާ ޞަލާޙް އަލްޖަފަރާވީ. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލާއި ހަމާސްއިން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިތާ ދެތިން ދުވަސް ތެރޭގައި ޣައްޒާ ސިޓީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ބެލެވޭ ޖަމާއަތެއްގެ ހަމަލާއަކުން ފަލަސްތީނުގެ ނޫސްވެރިޔާ ޞާލިޙް އަލްޖަފަރާވީ ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މަސްދަރުތަކުން އަލްޖަޒީރާ އަރަބިކް އަށް ބުނީ ހަނގުރާމަ ކަވަރު ކުރާ ވީޑިއޯތަކުން މަޝްހޫރުކަން ހޯދާފައިވާ އުމުރުން 28 އަހަރުގެ ޒުވާނާ ޝަހީދުވީ އެ ސިޓީގެ ސަބްރާ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތައް ކަވަރު ކުރަމުން ދަނިކޮށް ހަތިޔާރު އެޅި ޖަމާއަތުގެ މެމްބަރެއްގެ ހަމަލާ އަމާޒުވެގެންނެވެ.

އަލްޖަޒީރާގެ ސަނަދު އެޖެންސީން ނޫސްވެރިންނާއި އެކްޓިވިސްޓުން ޝާއިއުކުރި ފޫޓޭޖްތަކުން ވަނީ ޕްރެސް ޖެކެޓެއް ލައިގެން ޓްރަކެއްގެ ފަހަތުގައި އޮތް ހަށިގަނޑަކީ އަލްޖަފަރާވީގެ ހަށިގަނޑުކަން ޔަގީންކޮށްދީފައެވެ. އާދީއްތަ ދުވަހުން ފެށިގެން އޭނާ ގެއްލިގެން އައީ ހޯދަމުންނެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އާދީއްތަ ދުވަހު ސަބްރާގައި ހަމާސްގެ ސަލާމަތީ ބާރުތަކާއި ދޮގްމުޝް ގިންތީގެ ހަނގުރާމަވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަމުންދިޔައެވެ. ނަމަވެސް އެކަން ފަލަސްތީނު އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސް މަސްދަރަކުން އަލްޖަޒީރާ އަރަބިކް އަށް ބުނީ ޣައްޒާ ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލާ ގުޅުންހުރި ހަތިޔާރު އެޅި ޖަމާއަތެއް ހިމެނެއެވެ.

ޖެނުއަރީ މަހު އަލް ޖަޒީރާއާ ވާހަކަ ދައްކަމުން އަލްޖަފަރާވީ ވަނީ ޣައްޒާގެ އުތުރުން ގެދޮރު ދޫކޮށް ދިޔައިރު ކުރި ތަޖުރިބާތަކުގެ ވާހަކަ ދައްކާފައެވެ.

"މި 467 ދުވަހުގެ ތެރޭގައި އަޅުގަނޑު ކުރިމަތިލާން ޖެހުނު ހުރިހާ މަންޒަރާއި ހާލަތެއް ހަނދާނުން ފޮހެވިގެން ނުދާނެ. އަޅުގަނޑުމެންނަށް ކުރިމަތިވި ހުރިހާ ހާލަތެއް، އަޅުގަނޑުމެންނަށް ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ،" އަލްޖަފަރާވީ ބުނެފައިވެއެވެ.

ނޫސްވެރިޔާ އިތުރަށް ބުނި ގޮތުގައި އޭނާގެ މަސައްކަތުގެ ސަބަބުން އިސްރާއީލުން އެތައް އިންޒާރުތަކެއް ދީފައިވާ ކަމަށެވެ.

"ތެދުވެރިކަމާއެކު ބުނަންޏާ އަހަރެން އުޅުނީ ކޮންމެ ސިކުންތަކުވެސް ބިރުވެރިކަމުގައި. ހާއްސަކޮށް އިސްރާއީލުގެ އިސްތިއުމާރީން އަހަރެންނާ ބެހޭ ގޮތުން ބުނާ އެއްޗެއް އަޑު އިވުމުން. އަހަރެން އުޅުނީ ސިކުންތުން ސިކުންތަށް ދިރިއުޅުން، ދެން އަންނަ ސިކުންތަކުން ވާނެ ގޮތެއް ނޭނގިގެން،" އޭނާ ބުނެފައިވެއެވެ.

ނޫސްވެރިންނަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަނުޖެހުމުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުގެ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޣައްޒާގައި 270 އަށް ވުރެ ގިނަ މީޑިއާ މަސައްކަތްތެރިން ވަނީ މަރާލާފައެވެ.

comment ކޮމެންޓް