ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މި ދަތުރުފުޅުގައި ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެގޮތުން އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގައި ކަނޑިތީމަށާއި ނޫމަރާއަށާއި ގޮއިދުއަށާއި ފޭދުއަށާއި ފީވަކަށާއި ބިލެތްފައްސަށާއި ފޯކައިދުއަށާއި މިލަންދުއަށާއި ނަރުދުއަށާއި މަރޮއްޓަށާއި ޅައިމަގަށާއި ފުނަދުއަށާއި ކޮމަންޑުއަށާއި މާއުނގޫދޫއަށް ވަޑައިގަންނަވާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު މެދު ދެކުނުގެ ހަތަރު އަތޮޅަކަށް ވަޑައިގެންފައެވެ. އެންމެ ފަހުން އެ މަނިކުފާނު ވަޑައިގަތީ އދ. އަތޮޅަށެވެ.