އިސްރާއީލް ހަމަލާތައް ހުއްޓުވުމުގެ އެއްބަސްވުން ދަމަހައްޓާނަން: ޓްރަމްޕް

އެއާފޯސް ވަން މަތިންދާބޯޓަށް އަށް އެރުއްވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަނީ

ވޮޝިންޓަން (13 އޮކްޓޯބަރު 2025) : ޣައްޒާގެ ހަނގުރާމަ ނިމިއްޖެ ކަމަށާއި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޣައްޒާގެ މައްސަލާގައި އެމެރިކާ އިސްވެ އޮވެގެން މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ސަމިޓަކަށް ވޮޝިންޓަނުން ފުރާވަޑައިގަންނަވަމުން ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގައި ހިމެނޭ ކަންކަން ބަރާރަށް ކުރިޔަށްދާނެ ކަމުގައެވެ. އެއްބަސްވެފައިވާ ކަންކަން ހުރިހާ ފަރާތްތަކަކުން ވެސް ކުރަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެތެރޭގައި ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސް އާއި އިސްރާއީލުން އަސީރުން ބަދަލުކުރުމުގެ ކަންކަމާއި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމުގެ ކަންތައްވެސް ކުރިޔަށްދާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި ހަނގުރާމައިގެ ސަބަބުން އިސްރާއީލު ވެސް އަދި ހަމާސް ވެސް ވަނީ ވަރަށް ވަރުބަލިވެފައެވެ. އަދި ޣައްޒާގެ އާންމުންގެ ދިރިއުޅުން ވެސްވަނީ ވަރަށް ނިކަމެތި ހާލަތަކަށް ގޮސްފައެވެ.

ހަމަލާތައް ހުއްޓާލި ހުއްޓާލުން ދާއިމީގޮތެއްގައި ދެމި އޮންނާނެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އެކަން އެގޮތަށް ކުރިޔަށްދާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

ޣައްޒާގެ މައްސަލާގައި އެމެރިކާ އިސްވެ އޮވެގެން މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ސަމިޓްގައި ޓްރަމްޕްގެ އިތުރުން ދެން ބައިވެރިވެވަޑައިގަންނަވާނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން އާ ބެހޭގޮތުން އޭނާ މަޝްވަރާ ކުރެއްވި އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ނުވަތަ މަންދޫބުންނެވެ. އެނޫންވެސް އެމެރިކާއާ ގުޅުންބޮޑު އަރަބި ގައުމުތަކަށް މި ސަމިޓަށް ދައުވަތު ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނަށް ވެސް ދައުވަތު ދިންކަމަށް ވެއެވެ. ނަމަވެސް އީރާން ވަނީ އެމެރިކާ އަޑީގައި އޮވެގެން އިސްރާއީލުން އެގައުމާ ދެކޮޅަށް ހިންގި އުދުވާން އާ ގުޅިގެންނާ އަދި އެއުދުވާންގައި ސީދާގޮތެއްގައި ބައިވެރިވެ އެމެރިކާވެސް އީރާނަށް ބޮންއަޅައި އުދުވާން ހިންގާފައިވާތީ އެކަމަށް ބަދަލުދީ މައާފަށް ނުއެދޭހާ ހިނދަކު އެމެރިކާއާ ގުޅިގެން ކަމެއްގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ.

މުރާސިލުން ބުނާގޮތުން މި ސަމިޓަށް އީރާނަށް ދައުވަތު ދިނުމުގައި އެމެރިކާގެ ބޭނުމެއްކަމަށް ބެލެވެނީ މެދުއިރުމަތީގައި އެމެރިކާގެ ބަސް އަހައިގެން އެމެރިކާ ގެ ސިޔާސަތު ތައް ތަންފީޒުކޮށްދޭ މިސްރާއި ގަލްފުގެ އަރަބި ގައުމުތައް ފަދަ ގައުމަކަށް އީރާން ހެދޭތޯ މަސައްކަތް ކުރުމެވެ.

ނަމަވެސް އީރާނަކީ އެމެރިކާއާ އިދިކޮޅު ޗައިނާއާއި ރަޝިއާ ފަޅީގެ ގައުމަކަށްވާތީ އާއި އެމެރިކާއަކީ އީރާނާ ދެކޮޅަށް ދަތިކުރުމުގެފިޔަވަޅުތައް އަޅާފައިވާ ގައުމަކަށްވެފައި އީރާނުގެ ނިއުކްލިޔާ ހައްގުތަކަށް އެމެރިކާ އިންކާރު ކުރުމަކީ މިސަމިޓްގައި ބައިވެރި ނުވުމަށް އީރާން ނިންމި މައިގަނޑު ސަބަބެވެ. އަނެއްކޮޅުން އެމެރިކާއަކީ ސަމިޓްގެ ތެރޭންވެސް އެމެރިކާ އީރާނަށް ލަނޑެއް ދީފާނެފަދަ މަކަރުވެރި ގައުމެއްކަން އެމެރިކާ އަމިއްލައަށް ސާބިތުކޮށްދީފައި ވުމުން އެެމެރިކާއާމެދު އީރާނުގެ އިތުބާރުވަނީ މުޅިން ގެއްލިފައިވުމަކީވެސް އީރާން މިކަމަށް އިޖާބަދޭން ދެކޮޅު ހެދި ސަބަބެއްކަމަށް މުރާސިލުން ބުނެއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދީ އުދުވާން ހިންގީ އެމެރިކާ އީރާނާއެކު ނިއުކްލިޔާ ވާހަކަތައް ދައްކަމުން ދަނިކޮށެވެ. މިހިސާބުން ޑިޕްލޮމަސީގައިވެެސް އެމެރިކާގެ އިތުބާރު އީރާނަށްވަނީ ގެއްލިފައި ކަން މިފަރާތްތަކުން ފާހަގަ ކުރެއެވެ.

އެމެރިކާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިސް ސަފުތައި ހަރަކާތްތެރިވާ ގަތަރާއި މިސްރާއި ތުރުކީ އަދި ގަލްފުގެ ގައުމުތަކުގެ އިސްވެރިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ނައިބު ރައީސް ވާންސް ވިދާޅުވިގޮތުގައި ހަމާސް އިން މިނިވަންކުރުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އަސީރުންގެ އާއިލާތަކާ މިދަތުރުފުޅުގައި ޓްރަމްޕް ބައްދަލުކުރައްވާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ޓްރަމްޕް ވަޑައިގަންނަވާނީ އިސްރާއީލަށެވެ. ޔަހޫދީ އަސީރުންގެ އެއާއިލާތަކާ ބައްދަލުކުރެއްވުމަށްފަހު އިސްރާއީލުގެ ޕާލަމެންޓްގައި ޓްރަމްޕް ތަގުރީރު ކުރައްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް