ކެބިނެޓުން ބޭނުން ކޮންމެ މަޝްރޫއެއް ވާދަވެރި ބިޑަކާނުލާ ވަކި ބަޔަކަށް ދެވޭގޮތް ހަދައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.

މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް އިއްޔެ އަމަލުކުރަން ފެށިއިރު، "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަކަށް އިސްލާހު ގެނެސްފައިވެއެވެ.

އެގޮތުން ގަވައިދުގެ 10.20 ވަނަ މާއްދާގެ (ށ-1)އަށް ގެނައި އިސްލާހުގައި ވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއ،ި ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

"ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވާނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ.

މި އިސްލާހާއެކު، އެއީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން، ނުވަތަ ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫއެއްގެ ގޮތުގައި ކަނޑައަޅައިގެން، ސަރުކާރުން ބޭނުން ކޮންމެ މަޝްރޫއެއް ވެސް ބޭނުން ކޮންމެ ކުންފުންޏަކަށް ބިޑަށް ހުޅުވައިނުލައި ދެވޭނެއެވެ.

މީގެ ކުރިން މި ގަވައިދުގައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގޮތުގައި ދައުލަތުގެ މަސައްކަތެއް ކުރިއަށް ގެންދެވޭނީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެ ގޮތުން ވާދަވެރި މާޙައުލެއްގައި އެ ބީލަމަކަށް ތަރުޙީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރުމަށް ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް