ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުވުމަށް ޗިޓު ފޮނުވިކަން ހާމަކުރެއްވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަކު، އޭނާ ހާޒިރުކުރާ މައްސަލައާ ގުޅޭ ތަފުސީލު ހާމައެއް ނުކުރައްވައެވެ.
އެކަމާ ގުޅޭ ގޮތުން "ސަން"އަށް މިހާތަނަށް ރިފްއަތުގެ ބަހެއް ލިބިފައިނުވެއެވެ.
މިކަމާ ގުޅިގެން ޞާލިޙު އެކްސްގައި ވިދާޅުވީ، މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން، އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރަކާތެއް ކަމަށެވެ.
ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް ޞާލިޙް ވަނީ ގޮވާލައްވާފައެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުކުރަން ޗިޓު ފޮނުވިއިރު، ކޮރަޕްޝަންގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އެ ކޮމިޝަނުން އިއްޔެ ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހާޒިރުކޮށްފައެވެ.
މީގެ އިތުރުން، ޞާލިޙްގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ޗިޓު ފޮނުވާފައެވެ.
އެ މައްސަލަތައް ބަލަނީ ސިޔާސީ ގޮތުން ކަމަށް ބުނެ، އެމްޑީޕީން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.