ފިލްމު އިންޑަސްޓްރީ އަކީ އެކުވެރިން ކިތަންމެ ގިނައިން ތިބި ތަނެއް ނަމަވެސް ގިނައީ އަމިއްލަ މާލީ ފައިދާއާ މެދު ވިސްނާ މީހުން ކަމަށް ބޮލީވުޑްގެ ކާމިޔާބު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަން އަކީ ފިލްމު އިންޑަސްޓްރީއާ ގުޅުން އޮންނަ ފިލްމީ އާއިލާތަކުގެ ޒުވާނުން އިންޑަސްޓްރީ ތައާރަފް ކުރުމުގައި އިސް ދައުރެއް އަދާކުރާ މީހެއްގެ ލަގަބު ގިނަ މީހުން ދީފައިވާ ޕްރޮޑިއުސަރަކަށްވީ ނަމަވެސް އޭގެ ސަބަބުން ކަރަންއަށް ކުރާ މާބޮޑު ފައިދާއެއް ނޯންނަ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ފިލްމު ޓްރޭޑް އެނަލިސްޓް ކޯމަލް ނަހްތާގެ ޔޫޓިއުބް ޗެނަލްއިން ގެނެސްދޭ "ގޭމް ޗޭންޖާސް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ، ފިލްމަކުން ފޫނުބެއްދޭ ވަރުގެ ގެއްލުމަށް ލިބުނު ނަމަވެސް ގިނަ އެކްޓަރުން އަބަދުވެސް ވިސްނާނީ އެ ފިލްމަކުން އެ އެކްޓަރުންނަށް ލިބޭނެ މަންފާއާ މެދު ކަމަށެވެ.
އެއީ އިންޑަސްޓްރީގައި މަސައްކަތްކުރާ ކިތަންމެ ގާތް ރަހްމަތްތެރިއަކަށްވީ ނަމަވެސް އެކަން އޮންނަނީ އެގޮތަށް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ފިލްމީތަރިން ކަމަށްވާ ޝާހު އާއި ރާނީ މުކަރުޖީއާ އެކު ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ ޝޫޓިންގްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް
ފިލްމެއް ފްލޮޕްވި ނަމަވެސް މިހާތަނަށް އެއްވެސް އެކްޓަރަކު ފިލްމަކަށް ކީ އަގެއް އަނބުރާ ދައްކާފައިނުވާ ކަމަށާއި ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ލިބޭ ގެއްލުމާ މެދު ވިސްނުމުގެ ޝައުގުވެރިކަމެއް އެއްވެސް އެކްޓަރެއްގެ ނުހުންނަ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ފިލްމީ ތަރިންނާ އެކު ފިލްމީ ހަފްލާތަކުން ފެންނައިރު އެއީ ވަރަށް ގާތް ރަހްމަތްތެރިން ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެ ރަހްމަތެރިކަން ދެމި އޮންނަނީ ހަމަ އެކަނި އެ ހަފްލާއެއް ނިމެންދެން ކަމަށް ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނީގެ ވެރިޔާ ވަނީ ބުނެފައެވެ.
ފިލްމީ ތަރިންގެ ފަރާތުން ކަރަން އަށާއި ކަރަންގެ ފިލްމު ކުންފުންޏަށް މާބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެއްވެސް އިރަކު އުއްމީދު ނުކުރާ ކަމަށް ވެސް މި އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.
މިހާތަނަށް އެކީގައި މަސައްކަތްކުރި އަދި ލޯންޗުކުރި އެކްޓަރުންގެތެރެއިން ވެސް ކަރަންއަށް ވާފަތެރި ހަމައެކަނި އެކްޓަރަކީ އަދި ހެޔޮއެދޭ މީހަކީވެސް ޝާހްރުކް ޚާން ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން އަދި ކަރަންގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔަޝް ޖޯހަރުއާ އެކު ޝާހު މަސައްކަތްކޮށްފައިވާއިރު މިހާތަނަށް ދުވަހަކަވެސް ފައިސާއާ ބެހޭ ވާހަކައެއް ޝާހު އެ މީހުންނާ ދައްކާފައި ނުވާނެ ކަމަށް ކުޅަދާނަ ފިލްމު ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ޑައިރެކްޓަރެއްގެ ހައިސއްޔަތުން ކަރަން ފިލްމެއް ހުށަހެޅި ނަމަވެސް އެ ފިލްމެއްގެ ސްކްރިޕްޓް ވެސް ބަލާލުމެއް ނެތި ހަމައެކަނި ފިލްމަށް ސޮއިކުރާ އެކްޓަރަކީ ޝާހު ކަމަށާއި ފިލްމަކަށް ނަގާނެ ފީއެއް ދުވަހަކުވެސް ޝާހު އަމިއްލައަށް ކަނޑައަޅާފައިނުވާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.
އެ ހުރިހާ ކަމެއް އެހެން އޮތްއިރު ޝާހުއާ އެކު މަސައްކަތް ނުކުރާތާ މިހާރު 15 އަހަރުވެފައިވާ ކަމަށާއި އަދިވެސް ދެ މީހުންގެ ރަހްމަތްތެރިކަމަށް ބަދަލެއް ނާންނަ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ޝާހު ނޫނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ މީހުންނާ އެކުވެސް އޮންނަނީ ޕްރޮފެޝަނަލް ގުޅުމެއް ކަމަށާއި ބޭނުންވަނީ ވެސް އެކަން އެގޮތަށް ދެމިއޮތުން ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.