މިދިޔަ ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 40 އެކްސިޑެންޓު

އެކްސިޑެންޓެއް: ފާއިތުވި ހަފުތާގައި 40 އެކްސިޑެންޓު ހިނގި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފާއިތުވި ހަފުތާ ތެރޭގައި މާލޭގެ ބްރިޖާއި ހައިވޭގައި 40 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު މައުލޫމާތު ދީފިއެވެ.

ފުލުހުން އެކްސްގައި މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި، މި މަހު ފަސްވަނަ ދުވަހުން ފެށިގެން 11 ދުވަހުގެ ނިޔަލަށް ބުރިޖާއި ހައިވޭގައި ޖުމުލަ 40 އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބުރާސްފަތި ދުވަހެވެ. އެ ދުވަހު ބްރިޖާއި ހައިވޭ ސަރަހައްދުން މުޅި ޖުމުލަ 10 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެ ހަފުތާގައި އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގައެވެ. އެ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ދެ އެކްސިޑެންޓެވެ.

މި ހާދިސާތަކުގައި ހަތަރު މީހުންނަށް އަނިޔާވެފައިވާއިރު 37 އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ، އެ މުއްދަތުގައި ދިމާވި 75 އިންސައްތަ އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ގަޑީގައި ކަމަށެވެ. މިދިޔަ ހަފުތާގައި ހިނގި 40 އެކްސިޑެންޓްގެ ތެރެއިން 30 އެކްސިޑެންޓް ހިނގީ ދުވާލު ވަގުތުތަކުގައެވެ. ރޭގަނޑު ހިނގީ 10 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް ހިނގިގޮތަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓް ވެފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. އެފަދަ 11 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި، ސައިކަލަކާއި ސައިކަލެއް ޖެހިގެން އަށް އެކްސިޑެންޓް ހިނގިއެވެ. ކާރަކާއި ކާރެއް ޖެހިގެން ހަތަރު އެކްސިޑެންޓް, އަދި ކާރަކާއި ޕިކަޕެއް ޖެހިގެން ތިން އެކްސިޑެންޓް ވަނީ ހިނގާފައެވެ.

comment ކޮމެންޓް