އެސްޓީއޯއިން މޭވާއާއި ތަރުކާރީ ހިމެނޭހެން 23 ބާވަތެއް އެތެރެކުރާނީ ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން އަސާސީ ކާބޯތަކެތި ބާޒާރަށް ނެރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު އެ ކުންފުނިން ބުނީ ކުދި ވިޔަފާރިތަކުން ގިނަފަހަރަށް ތަކެތި ގަންނަނީ ހޯލްސޭލުކޮށް ކަމަށެވެ.
އެހެންވީމައި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ. އެސްޓީއޯ ރީޓެއިލްކޮށް އެ ވިއްކަނީ ހަމަ ހެޔޮ އަގުގައި. ވިއްކާއިރު ހޯލްސޭލްކޮށް ގަންނަ މީހުންނަށް އެސްޓީއޯއިން އެރޭންޖުމަންޓުތަކެއް އެބަ ހަދައިދޭއިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްޓީއޯ އެމްޑީ ޝިމާދު: ސައީދު ވިދާޅުވީ، އެސްޓީއޯއިން މޭވާއާއި ތަރުކާރީ ބާޒާރަށް ނެރުނަސް ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ ކަމަށް --- ސަން ފޮޓޯ/ މާނިއު މުހައްމަދު
އަދި އެސްޓީއޯއިން އެފަދަ ބާވަތްތައް މީގެ ކުރިން އެތެރެކުރަނީ ބާޒާރުގައި ލިބުން ދަތިވުމުން އަންނަ ކުއްލި ޝޮކްތަކުގައި އަގުތައް ހިފަހައްޓަން ކަމަށެވެ. ނަމަވެސް އަސާސީ ބާވަތްތައް ދެނެގަނެގެން އެސްޓީއޯއިން ތަކެތި އެތެރެކުރުމަކީ އެ ފަދަ ކަންކަމަށް އަންނާނެ ދާއިމީ ރަނގަޅު ހައްލެއްކަމަށް އެ ކުންފުނިން ބުންޏެވެ
މިގޮތުން، އިމްޕޯޓަރުންނާއި ހޯލްސޭލަރުންނަށް އެސްޓީއޯއާ ގުޅިގެން އަސާސީ ކާބޯތަކެތި އެތެރެކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
މޭވާއާއި ތަރުކާރީއާއި ބިސް އަގުހެޔޮ ކުރަން އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެ ކުރަން ނިންމައިފައިވާކަން އިއުލާންކުރީ މިދިޔަ މަހުގެ 10ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ކެބިނެޓުން ނިންމީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެ މަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެހެންނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން ބައެއް ވިޔަފާރިވެރިންނާއި އިދިކޮޅުން ކަންބޮޑުުވުން ފާޅުކުރިއެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އެ ނިންމުމާއެކު، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ވަންނަނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށާއި އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ފައިދާ ނުލިބި ބަންދުކުރާ ހިސާބަށް ގޮސްދާނެ ކަމަށެވެ.
ކާބޯތަކެތި ހިމެނޭހެން ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ގިނަ ބާވަތްތަކެއްގެ އަގުތައް ދަނީ މަތިވަމުން ކަމަށް, މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުން ދައްކާއިރު، މީގެ ކުރިން ރައީސް ވަނީ، ތަކެތީގެ އަގުބޮޑުކުރީ ސިޔާސީ ބޭނުމުގައި، ގަސްތުގައި ރާވައިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީ ގެންނަން ނިންމެވީ އެ ފުރުސަތު ނުދޭން ކަމަށެވެ.
އެސްޓީއޯއިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ.
އެ ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން ވަނީ، މުގާއި ކުކުޅު ބިހާއި ކާށީގެ އިތުރަށް ރީނދޫ ވިއްކަން ފަށާފައެވެ.
އެސްޓީއޯއިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު، އެސްޓީއޯއިން ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އެ ތަކެތީގެ އަގުތައް "އަގު މަގު" ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.