ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އެ ކުންފުނިން ސަސްޕެންޑުކޮށްފިއެވެ.
ކަސްޓަމްސްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއާޒާއި އިތުރު ތިން މީހަކު ހައްޔަރުކުރީ، މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓު ގެއްލިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މުއާޒުގެ ބަންދަށް މިއަދު ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށައިފައިވާއިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، މުއާޒު 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ކުންފުނީގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯއެއްގައި، ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް އެކަން އަންގައިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ، މުއާޒުގެ ސަސްޕެންޝަނާ ގުޅިގެން މިފްކޯގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުޙައްމަދު ޝަމީމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މިފްކޯއިން ބުނީ، ސިނގިރޭޓު މައްސަލައަކީ އެ ކުންފުންޏާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ވީނަމަވެސް، ކުންފުނީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް ވަކިން ސަމާލުކަން ދޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
"މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދެއްވާ." މިފްކޯގެ ބަޔާނުގައިވެއެވެ.
ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދެން ހައްޔަރުކުރީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އޭގެ ތެރެއިން އާރިފާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖެހިއިރު، ވަހީދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުުގީގެއް ފަށައި، ލިބުނު މައުލޫމާތާ ގުޅިގެން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ، އެ މައްސަލައިގައި އެ ޚިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
 
											
										 
					 
                