ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މިއަދު ސަސްޕެންޑުކޮށްފިއެވެ.
'އެކްސް'ގައި ކަސްޓަމްސްގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓުގައިވާ ގޮތުން ޒިވާރު ސަސްޕެންޑުކުރީ މިއަދުން ފެށިގެންނެވެ. އެ މައްސަލަ ބަލައި އޭނާ އާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކަސްޓަމްސްގެ ޕޯސްޓުގައިވެއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްގެ އިންފޮމޭޝަން އޮފިސަރާ 'ސަން'އިން ސުވާލުކުރުމުން މިރޭ ފަހުން ބުނީ އޭނާ ސަސްޕެންޑުކުރީ 30 ދުވަހަށް، މުސާރަ ނުހިނގާ ގޮތަށް ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ޒިވާރާއި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި)ގެ އިތުރުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއެވެ.
މި މައްސަލައިގައި މުއާޒް ފަސް ދުވަހަށް، ވަހީދު 10 ދުވަހަށް، އަދި އާރިފާއި ޒިވާރު 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލައާ ގުޅިގެން މިފްކޯއިން ވަނީ މުއާޒް 30 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ސަސްޕެންޑުކުރިއެވެ.
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ރޭ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.
އެއަށްފަހު، މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ކުންފުނިން ވެސް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށައިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.
 
											
										 
					 
                 
                                                            