ސިނގިރޭޓު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑުކުރި: ފުލުހުން

(ވ) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) --

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމަށް ހިންގި ބޮޑު އޮޕަރޭޝަނަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ފަންޑުކުރި ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

މިދިޔަ އޭޕްރިލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނާ ހިސާބަށް ދިޔައީ މިދިޔަ ހަފުތާގައެވެ.

ފުލުހުންވަނީ އެކަން ރާވާ ހިންގުމުގައި އުޅުނު ކަމަށް ތުހުމަތުކޮށް، އާއްޓޭއާއި ދިގަލި ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ. ކޯޓު އަމުުރެއްގެ ދަށުން ރޭ މި ގްރޫޕު ހައްޔަރުކޮށް މިއަދު ވަނީ މުއްދަތު ޖަހާފައެވެ.

މި ހަތަރު މީހުންގެ ތެރެއިން އާއްޓޭއާއި ދިގަލިގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހުންވަނީ މިކަން ރޭވުމުގެ އިތުރުން މިކަމަށް ފަންޑު ވެސް ކޮށްފައެވެ.

މި އެންމެންގެ މައްޗަށް ވެސް ތަހުގީގު މަރުހަލާގައި ކުރަނީ ވައްކަމުގެ ތުހުމަތެވެ.

އެ ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވެއެވެ. އަދި އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ. މި އެންމެންނަށްވެސް މުއްދަތު ޖެހީ ގާޒީ އިބްރާހީމް އިހްސާންއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.

comment ކޮމެންޓް