މާލެއިން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ދިޔަވެ، ކަނޑުމަތީގައި މިއަދު އިތުރު ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވާތީ، އެމްއެންޑީއެފް ނޮދާން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެެވެ.
މި ބޯޓު ދަތުރުކުރީ މާލެއިން ޅ. ނައިފަރަށެވެ. ސިފައިން ބުނީ، ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން ކޯސްޓްގާޑް ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށެވެ.
އެ ބޯޓަށް އަދިވެސް ދިޔަވަމުންދާއިރު، ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ސިފައިން ނުދެއެވެ. އެކަމަކު، އަދި ބޯޓު އަޑިއަށްނުދާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު ގަދަވުމުގެ ސަބަބުން ރޭ ވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު މަރުވެ، ދެ ބިދޭސީން ވަނީ ގެއްލިފައެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން ކަމަށެވެ. އަދި، ގެއްލިގެން މިހާރު ހޯދަނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ. މި ހަފުތާ ބަންދާއި ކުރިއަށް އޮތް ހަފުތާގައި ވެސް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.