މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި މިއަދު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.
ދެ ބިދޭސީންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވި ކަމަށް ފުލުހުން ބުންޏެވެ. މަރުވީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިނެވެ.
މީގެ އިތުރުން ދިވެއްސަކަަށް ވެސް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްކަމަށް ފުލުހުން ބުންޏެވެ. އެއީ 25 އަހަރުގެ ފިރިހެނެކެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް މިހާތަނަށް ނުލިބެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.