ހުޅުމާލޭގައި ބޭނުންނުކޮށް، ގިނަ ދުވަސްވެފައި ހުރި 716 އުޅަނދު އެބަހުރި

ހުޅުމާލޭގައި ބޭނުންނުކޮށް ހުރި އުޅަނދުތަކެއް: އޭގެ716 އުޅަނދު އެބަހުރި ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ބޭނުންނުކޮށް ގިނަ ދުވަސްވެފައި ހުރި 716 އުޅަނދު އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް، ހަލާކުވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުގެ ތެރެއިން އެކި ސަރަހައްދުތަކުން 716 އުޅަނދެއް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި، ކާރާއި ސައިކަލުގެ އިތުރުން ޕިކަޕާއި ވޭން ހިމެނެއެވެ.

އެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

މި މަސައްކަތް ހުޅުމާލެ ޕޮލިހުން ކުރީ، ޓްރާންސްޕޯޓު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ. މިއީ، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރި މަސައްކަތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/209984

ދިގު މުއްދަތަކަށް މާލޭއާއި ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ކުރިން ވެސް ކޮށްފައެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 400 އަށްވުރެ ގިނަ ވެހިކަލްތައް ނަގާފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ޚާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކައި, ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ކަންކަން ކުރާތީ ޝަކުވާ ބޮޑެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

comment ކޮމެންޓް