ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުން: ބަންދުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުން: ބަންދުކުރި މީހުންގެ ވަނަވަރު -- ފޮޓޯ: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ހާދިސާ ހިނގީ އިއްޔެ ފަތިހު 4:45 އެހާކަންހާއިރު އެއާޕޯޓުގައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓްކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު 'ސަން'އަށް ބުނީ، ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ:

  • ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
  • މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
  • ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)

މި ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވެސް ހޯދާފައިވާކަން އިއްޔެ އިއުލާނުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. ނަމަވެސް ފޭރިގަތް ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ހާމައެއް ނުކުރައްވައެވެ.

ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ މީހުން އެ ސޫޓް ކޭސް ފޭރިގަތީ ދުރާލާ ރާވައިގެން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް