ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލުން: އިތުރު މީހެއްގެ ހަށިގަނޑު ވަނީ ކަނޑު އަޑިން ފެނިފައި --- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޖުމުލަ ހަތް މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓިން ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މީގެ ކުރިން ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ބުނެފައެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ.

ސިފައިން ވަނީ ހޯދަމުން އައި އިތުރު މީހެއްގެ ހަށިގަނޑު ވެސް ކަނޑު އަޑިން ފެނިފައިވާ ކަމަށް ބުނެފައެވެ.

'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، ކޯސްޓް ގާޑްގެ ޑައިވަރުންނަށް ދެވަނަ މީހާގެ ހަށިގަނޑު މިއަދު 15:45 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑިންނެވެ. އެއީ ބިދޭސީއެކެވެ.

https://sun.mv/212736

ބަންޑުން ޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އަދި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް