ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު އެއާޕޯޓުގައެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަމަށް ބުނެފައެވެ.
އެ ހަތަރު މީހުންގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވަމުން، ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ:
- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
- ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓްކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވެސް ހޯދާފައިވާކަން އިއްޔެ އިއުލާނުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. ނަމަވެސް ފޭރިގަތް ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ހާމައެއް ނުކުރައްވައެވެ.
ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.