އެޕަލްގެ އޭއައި ޔުނިޓްގެ އިތުރު އިސްވެރިއަކު މެޓާއަށް

އެޕަލްގެ އެތައް މުވައްޒަފުންތަކެއް މީގެ ކުރިންވެސް ވަނީ މެޓާއަށް ބަދަލުވެފައި ---

އެޕަލް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އިސް ވެރިއެއް ކަމަށްވާ ކީ ޔަންގް، އެޕަލް ދޫކޮށް މެޓާ ކުންފުންޏާ ގުޅިވަޑައިގެންފިއެވެ.

ޔަންގް ވަކިވުމަކީ އެޕަލްގެ އޭއައި ޔުނިޓުން އިސް މުވައްޒަފުން ވަކިވާ ސިލްސިލާގެ އިތުރު ބޮޅަކަށް ވާއިރު، މިކަމުގެ ސަބަބުން އެޕަލްގެ ކުރިއަށް ހުރި ބޮޑު މަޝްރޫއުތަކަށް އަސަރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބްލޫމްބާގްގެ ރިޕޯޓަކާ ހަވާލާދީ ޓެކް ކްރަންޗްގައި ބުނެފައިވާ ގޮތުގައި، ޔަންގްއަކީ އައިފޯން އުފައްދާ އެޕަލް ކުންފުނީގެ އޭއައިއާ ގުޅިފައިވާ ވެބް ސާޗްގެ މަސައްކަތްތައް އިސްކޮށް ހިންގި ވެރިއެކެވެ.

އޭނާ ވަކިވުމުގެ ކުރިން، ސިރީގެ ފަންކްޝަނަލިޓީ ރަނގަޅުކުރުމަށް މަސައްކަތްކުރާ އެޕަލްގެ އެންސާސް، ނޮލެޖް، އެންޑް އިންފޮމޭޝަން (އޭކޭއައި) ޓީމުގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރެއްވިއެވެ.

https://sun.mv/211866

މި ޓީމުގެ މަސައްކަތަކީ ވެބުން މައުލޫމާތު ނަގައިގެން، އޯޕަންއޭއައި، ޕާޕްލެކްސިޓީ އަދި ގޫގުލް ފަދަ އޭއައި ސާޗް މާކެޓްގައިވާ އެޕަލްގެ ވާދަވެރިންނާ ވާދަކުރުމަށް ސިރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މިކަމުގެ ސަބަބުން، ކުރިއަށް އޮތް މާރިޗު މަހު ތައާރަފުކުރަން ތައްޔާރުވަމުން އަންނަ އެޕަލް ސިރީގެ އާ ވާޝަންގެ މަސައްކަތަށް ހުރަސް އެޅި، އެ މަޝްރޫއު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ވެސް އެޕަލްގެ އޭއައި ޔުނިޓުން މުވައްޒަފުން ވަކިވެފައިވެއެވެ. މި އަހަރުގެ ކުރީކޮޅު އެޕަލްގެ އޭއައި މޮޑެލްސްގެ ކުރީގެ އިސްވެރިޔާ ރުއޯމިން ޕަންގް ވެސް ވަނީ މެޓާއަށް ބަދަލުވެފައެވެ. މީގެ އިތުރުން، އެޕަލްގެ އޭއައިއެމްއެލް (އާޓިފިޝަލް އިންޓެލިޖެންސް އެންޑް މެޝިން ލާނިން) ޓީމުގެ ގާތްގަނޑަކަށް 12 މުވައްޒަފުން ވަނީ އެ ކުންފުނި ދޫކޮށް، މެޓާގެ އާ ސުޕަ އިންޓެލިޖެންސް ލެބްސްއާ ގުޅިފައެވެ.

ބްލޫމްބާގް ރިޕޯޓުކުރާ ގޮތުގައި، އެޕަލްގައި ތިބި އޭއައި ޓީމުގެ މުވައްޒަފުން ވެސް ލަފާކުރަނީ ކުރިއަށް އޮތް މަސްތަކުގައި އިތުރު މުވައްޒަފުން ވަކިވާނެ ކަމަށެވެ.

comment ކޮމެންޓް