ކަރިޝްމާގެ ކުދިންގެ ބައްޕަގެ ވަސިއްޔަތް އޮޅުވާލާފައި؟

ބަތަލާ ކަރިޝްމާ ކަޕޫރު ދެ ކުދިން ކަމަށްވާ ސަމައިރާ އަދި ކިއާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް ބަތަލާ ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު މަރުވުމުގެ ކުރިން ތައްޔާރުކުރި ވަސިއްޔަތުގައި ގަބޫލުނުކުރެވޭ ގިނަ ކަންކަން އެބަހުރި ކަމަށް އެ ދެމަފިރިންގެ ކައިވެންޏަށް ލިބިފައިވާ ސަމައިރާއާއި ކިއާން ބުނެފިއެވެ.

ސަންޖޭގެ ވަސިއްޔަތުގައި ކަރިޝްމާގެ ދެ ކުދިންނަށް ވާރުތަ މުދަލުން އެއްވެސް ބައެއް ދޭން ނިންމާފައިނުވާތީ އެ މައްސަލަ ހައިކޯޓުގައި ދަނީ ކުރިއަށެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް ކޯޓު އަޑު އެހުންތަކުގައި ސަމައިރާއާއި ކިއާންގެ ވަކީލުން ބުނެފައިވަނީ ސަންޖޭ މަރުވުމުގެ ކުރިން ތައްޔާރުކޮށްފައިވާ ކަމަށް ބުނެ, އެ ކުދިންގެ ދޮން މަންމަ ޕްރިޔާ ކޯޓަށް ހުށަހެޅި ވަސިއްޔަތުގައި ވަރަށް ގިނަ ބަހުގެ އަދަބީ ކުށްތައް އެބަހުރި ކަމަށެވެ.

އެގޮތުން, ސަންޖޭ ނިސްބަތްކޮށް ފާހަގަކޮށްފައިވާ ނުކުތާތަކުގައި އެއީ އަންހެނެއް ކަމަށް ބުނެފައިވުމުގެ އިތުރުން ސަމައިރާއާއި ކިއާންގެ ނަން ވެސް ލިޔެފައިވަނީ އަކުރުތައް އޮޅުވާލައިގެން ގޯސްކޮށް ކަމަށް ކަރިޝްމާގެ ކުދިންގެ ވަކީލުން ވަނީ ކޯޓުގައި ބުނެފައެވެ.

މި އަހަރުގެ ޖޫން މަހުތެރޭ ހާޓް އެޓޭކެއް ޖެހި މަރުވެފައިވާ ސަންޖޭ ކަޕޫރު--ފޮޓޯ/ޕިންކްވިލާ

ސަންޖޭ ފަދަ ދުނިޔޭގެ ގިނަ ބަޔަކު ބަލައިގަނެފައިވާ ހާވާޑް ބިޒްނަސް ސްކޫލުން މަތީ ތައުލީ އުނގެނިފައިވާ މީހަކު އޭނާގެ ވަސިއްޔަތް ތައްޔާރުކުރާއިރު އަމިއްލަ ކުދިންގެ ނަންތައް ނުބައިކޮށް ލިޔެފާނެތޯއާއި އެއީ އަންހެނެއްކަން ބަޔާންކޮށް އޮޅިގެން ވެސް ލިޔެފާނެތޯ ސުވާލު އުފެދޭ ކަމަށް ސަމައިރާއާއި ކިއާންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

އެހެންކަމުން ސަންޖޭގެ 30،000 ކްރޯޑު(3.57 ބިލިއަން ޑޮލަރު)ގެ މިލްކިއްޔާތު ހުވަފަތް އަންހެނުން ޕްރިޔާއަށް ދީފައިވާ ކަމަށް ބުނެ، ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ މެދު ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ސަމައިރާއާއި ކިއާންގެ ވަކީލުން ވަނީ ބުނެފައެވެ.

އެ ކުދިންގެ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފައިވާ ގޮތުގައި ސަންޖޭގެ އަންހެނުން ޕްރިޔާ ކޯޓަށް ހުށަހަޅާފައިވާ ވަސިއްޔަތް ތައްޔާރުކޮށްފައިވަނީ ސަންޖޭ ކަރިޝްމާގެ ދެ ކުދިންނާ އެކު ޗުއްޓީ ދަތުރެއްގައި އުޅެނިކޮށް ކަމަށެވެ. އަދި، ޕްރިޔާގެ އެންމެގުމަށް ސަންޖޭގެ ސޮއި ފޯޖުކޮށް މުޅިން ތަފާތު ވަސިއްޔަތެއް ތައްޔާރުކުރި މީހާއަށް ފައިސާގެ އިނާމު ދީފައިވާ ކަމަށް ވެސް ކަރިޝްމާގެ ކުދިންގެ ވަކީލުންގެ ޓީމުން ވަނީ ކޯޓުގައި ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ ބަތަލާ ކަރިޝްމާގެ ދެ ކުދިންގެ ބައްޕަގެ މުދަލުން އެ ކުދިންނަށް އެއްވެސް ހިއްސާއެއް ދިނުމަށް ކުދިންގެ ބައްޕަގެ ވަސިއްޔަތުގައި އަންގާފައި ނެތް މައްސަލަ ދިއްލީ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި ސަންޖޭގެ އާއިލާއިން ތާއީދުކުރަނީ ކަރިޝްމާގެ ދެ ކުދިންނަށެވެ. ސަންޖޭގެ ވަސިއްޔަތުގައި ބުނާގޮތުން އޭނާގެ މިލްކިއްޔާތުން އެއްވެސް ބައެއް މަންމައަށާއި އާއިލާ މީހުންނަށް ދީފައެއް ނުވެއެވެ. އާއިލީ މި މައްސަލައަށް ލިބިފައިވާއިރު މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެއް ބަޔަކު ބަހުސްކުރާއިރު ކޯޓުން މައްސަލަ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި ވެސް އެތައް ބަޔަކު އެބަ ތިއްބެވެ.

comment ކޮމެންޓް