މި އަހަރު ނިމެން ގާތްވެފައިވާއިރު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކޮށްފިކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. އެކަމަކު، އެ ފަހުން ގުޅުން ރަނގަޅުކުރަން ދެ ގައުމުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ނިމުނު ހަފުތާގެ ނިޔަލަށް އިންޑިއާއިން އައީ 99،103 ފަތުރުވެރިންނެވެ. އެއީ، އަންގާރަ ދުވަހާ ހިސާބަށް ނަގާފައިވާ އަދަދުތަކެވެ. އެހެންވެ، މިހާރު އެ އަދަދު އެއް ލައްކައަށް އަރާފައި އޮތުން ވެސް ގާތެވެ.
އަހަރުގެ މިހާތަނަށް ޖުމުލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެއީ، 10 އިންސައްތައިގެ ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ ވެސް މި އަހަރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމެވެ.
ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިންނެވެ. އެ ގައުމުން 281،000 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި އޮތް ރަޝިއާއިން 210،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި، 150،000 ފަތުރުވެރިންނާ އެކު ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖަރުމަނުންނެވެ. ފަސްވަނައިގައި އިޓަލީ އޮތްއިރު ފާއިތުވި އަހަރުތަކުގައި އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގައެވެ.
ދެ ގައުމުގެ ގުޅުން ގޯސްވީ، ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ.
އެކަމަކު، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މި އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.