މެޓާ އޭއައި އިން ފޯނުގެ ކެމެރާ ރޯލްގައި ހުންނަ ފޮޓޯތަކަށް އެޑިޓް ފީޗާއެއް!

މެޓާއޭއައި ތަރައްގީ ކުރުމަށް ތަފާތު އިތުރު ފީޗާތައް ދަނީ ތައާރަފްކުރަމުން ---

ފޭސްބުކްގެ މެޓާ އޭއައި އިން، ފޯނުގެ ކެމެރާ ރޯލްގައި ހުންނަ ފޮޓޯތަށް އެޑިޓް ކުރުމުގެ ގާބިލްކަން އިތުރުކޮށްފިއެވެ.

މި ފީޗާ މިހާރު ވަނީ އެމެރިކާ އަދި ކެނެޑާގެ ހުރިހާ ޔޫޒަރުންނަށް ތައާރަފްކޮށްފައެވެ.

މި އާ ފީޗާއަކީ، ބޭނުންކުރާ ފަރާތްތަކުން ފޭސްބުކްގައި ހިއްސާކޮށްފައި ނުވާ ފޮޓޯތަކަށް ވެސް އޭއައިގެ އެހީގައި އެޑިޓް ހެދުމަށް ފުރުސަތު ދިނުމަށް ތައްޔާރުކޮށްފައިވާ ހިދުމަތެކެވެ.

މިކަމަށްޓަކައި، ބޭނުންކުރާ ފަރާތްތަކުން އެޕްލިކޭޝަން މެދުވެރިކޮށް "ކްލައުޑް ޕްރޮސެސިން" އަށް ހުއްދަ ދޭންޖެހެއެވެ. މި ހުއްދަ ދިނުމުން، ފޯނުގައި ހުންނަ ފޮޓޯތައް މެޓާގެ ކްލައުޑަށް އަޕްލޯޑްވެ، އޭއައިއިން އެ ފޮޓޯތައް ދިރާސާކޮށް، ކޮލާޖް، ރީކެޕް، އޭއައި. ރީސްޓައިލިންގ، އުފަންދުވަހުގެ ތީމްތައް އަދި އެނޫން ވެސް އެޑިޓްތައް ހެދުމަށް ހުށަހަޅާނެއެވެ.

މެޓާ އިން ބުނެފައިވާ ގޮތުގައި، އިސްތިހާރު ދެއްކުމަށް ނުވަތަ އޭއައި ސިސްޓަމްތައް ތަރައްގީކުރުމަށް ޔޫޒަރުންގެ ފޮޓޯތައް މި ފީޗާއިން ބޭނުންނުކުރާނެއެވެ. ނަމަވެސް، ބޭނުންކުރާ ފަރާތްތަކުން އެޑިޓް ހެދުމަށްފަހު ފޮޓޯތައް ހިއްސާކޮށްފިނަމަ، އެ ފޮޓޯތައް އޭއައި ސިސްޓަމްތައް ތަރައްގީކުރުމަށް ބޭނުންކުރެވިދާނެއެވެ.

މެޓާއޭއައިން ފޮޓޯ އެޑިޓްކުރުމަށް ޔޫޒަރުން ހުއްދަ ދޭންޖެހޭ ---

މި ފީޗާގެ ސަބަބުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެއީ، މެޓާގެ އޭއައި ޓާމްސް އޮފް ސަރވިސް އަށް އެއްބަސްވުމުން، ޔޫޒަރުންގެ ފޮޓޯތަކާއި މޫނުގެ ސިފަތައް އޭއައިއިން ދިރާސާކުރުމުގެ ހުއްދަ ދެވޭތީއެވެ. މިކަމުގެ ސަބަބުން، މެޓާއަށް ޔޫޒަރުންނާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބި، އޭއައިގެ ދާއިރާގައި އެ ކުންފުންޏަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ފީޗާ ބޭނުންކުރަން ބޭނުންނުވާ ފަރާތްތަކަށް، ފޭސްބުކްގެ ސެޓިންގްސްގެ ޕްރިފަރެންސަސް ސެކްޝަންގެ ތެރެއިން "ކެމެރާ ރޯލް ޝެއަރިންގ ސަޖެޝަންސް" ޕޭޖުން މި ހިދުމަތް ނިއްވާލެވޭނެއެވެ.

ފޭސްބުކްގެ މައި ކުންފުނި މެޓާ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޮޑު ސަމާލުކަމެއް ދީ، އެކި ހިދުމަތްތަކަށް އޭއައިގެ ގާބިލިއްޔަތުތައް އިތުރުކުރަމުންދެއެވެ. މިގޮތުން، ފޭސްބުކްގެ އޭއައި އިން ފޯނުގައި ހުންނަ ފޮޓޯތަކަށް އެޑިޓް ހެދުމަށް ހުށަހެޅުންތައް ދިނުމަކީ، މެޓާގެ އޭއައި ތަރައްގީކުރުމުގެ މަސައްކަތުގެ އެއް ބައެވެ. މީގެ ކުރިންވެސް މެޓާއިން ވަނީ އާންމުކޮށް ހިއްސާކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެން އޭއައި ތަމްރީނުކުރާނެކަން އިއުލާންކޮށްފައެވެ. އަދި ރޭ-ބަން މެޓާ ސްމާޓް އައިނު ބޭނުންކުރާ ފަރާތްތަކުގެ ފޮޓޯތައް ދިރާސާކުރުމަށް ވެސް އޭއައި ބޭނުންކުރާނެކަމަށް ބުނެފައިވެއެވެ.

މިފަދަ ފީޗާތަކުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީއާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މެޓާއިން ބުނަނީ މި ހިދުމަތްތަކަކީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތްތަކެއް ކަމަށެވެ.

comment ކޮމެންޓް