އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ދެ ދުވަހުގެތެރޭ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، ވޯޓުލާ މީހުންގެ ލިސްޓުގެ ފުރަތަމަ ޑްރާފްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުމުގެ އިތުރުން، ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތު ވެސް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި 255 މީހަކު ރީރަޖިސްޓްރޭޝަނަށް ހުށަހެޅިއިރު، އޭގެ ތެރެއިން 248 މީހުން ރީރަޖިސްޓްރީކޮށް ނިމިފައިވާ ކަމަށެވެ.
"ދެން މިހާރު އަޅުގަނޑުމެން މި މަސައްކަތްކުރަމުންދަނީ ވޯޓު ކަރުދާސް ޗާޕުކުރުމާއި އެ އަތޮޅަށް ފޮނުވަން ޖެހޭ ވޯޓުފޮށިތައް، އޭގަ ހުންނަން ޖެހޭ ހުރިހާ އެއްޗެހިތަކެއް ހަމަކުރުމާއި އެގޮތަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް މިހާރު އެހެރީ ނިމިފަ،" އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގަ އަޅުގަނޑުމެންނަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލައި އިދާރީގޮތުން އެހެން ހުރި ހުރިހާ ކަމެއް ނިމި، އަޅުގަނޑުމެން މިތިބީ އިދާރީގޮތުން ކުރަން ހުރި ހުރިހާ ތައްޔާރީތައްވެ ނިމިފަ،"
ހަމަ އެއާއެކު ވޯޓުފޮށިތައް ބަހައްޓާފައި ހުންނާނެ މަރުކަޒުތަކުގެ ތަފްސީލެއްވެސް ޒާހިދު ދެއްވިއެވެ. އެގޮތުން މި އިންތިޚާބުގައި 18 ފޮށްޓެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ:
- މާލޭގެ ކަލާފާނު ސްކޫލުގައި ހަތް ފޮށި
- ހުޅުދޫ ސްކޫލުގައި ދެ ފޮށި، އަތޮޅު މަދަރުސާގައި ފޮށްޓެއް
- މީދޫގައި ތިން ފޮށި
- ފޭދޫގައި ފަސް ފޮށި
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ދާއިމީ ނަތީޖާ އާދީއްތަ ދުވަހު އިއުލާނުކުރައްވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.