އާދައިގެ ބޭސް ގުޅައެއްގެ ބޮޑުމިނަށް ހަދާފައިވާ ދުނިޔޭގެ އެންމެ ކުޑަ "ބަޔޯޕްރިންޓަރު" ތަޢާރަފްކޮށްފިއެވެ.
ބަނޑުގެ ތެރޭގައި ހުންނަ ބަލިތަކަށް ފަރުވާ ދިނުމުގައި ބޮޑު އިންޤިލާބެއް މި އީޖާދު ގެނެސްދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ސްވިޓްޒަލޭންޑްގެ އެކޯލް ޕޮލިޓެކްނިކް ފެޑެރަލް ޑި ލޯޒާން (އީޕީއެފްއެލް) ގެ އިންޖިނިއަރިން ސްކޫލްގެ ދިރާސާވެރިން މިވަނީ "އިންޖެސްޓިބަލް ބަޔޯޕްރިންޓަރު" ގެ ނަމުން ނަންދީފައިވާ މި ކުޑަ ޑިވައިސް ތަޢާރަފްކޮށްފައެވެ.
މި ޑިވައިސް އަކީ މެގްނެޓްތަކެއްގެ އެހީގައި ބޭރުން ކޮންޓްރޯލް ކުރެވޭ، އަދި ހަށިގަނޑުގެ ތެރެއަށް ދިރުވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ.
މި ބަޔޯޕްރިންޓަރު (މެގްނެޓިކް އެންޑޮލޫމިނަލް ޑިޕޮޒިޝަން ސިސްޓަމް - "އެމްއީޑީއެސް") މަސައްކަތްކުރަނީ: ބޭސް ގުޅައެއްގެ ބޮޑުމިނުގެ މި ކެޕްސޫލް، ބޭރުގައި ބަހައްޓާފައިވާ ރޮބޮޓިކް އާމްއެއްގެ އެހީގައި މެގްނެޓިކް ބާރުން ބަނޑުގެ ތެރޭގައި ހުންނަ ގެއްލުންވެފައިވާ ނުވަތަ ފާރުވެފައިވާ ހިސާބަކަށް ގެންދެއެވެ.
އެތެރޭގައި ހުންނަ ސްޕްރިންގެ އެހީގައި، ސީވީޑްއިން އުފައްދާފައިވާ "ބަޔޯ-އިންކް" ކެޕްސޫލް ތެރެއިން ދޫކޮށްލައެވެ. މިކަން ކުރަނީ ބޭރުން ނިއާ-އިންފްރާރެޑް ލޭޒާ އެއް ބޭނުންކޮށްގެންނެވެ. މި ބަޔޯ-އިންކް އަކީ ގެއްލުންވެފައިވާ ޓިޝޫތައް ރަނގަޅުކޮށް، އައު ސެލްތައް އުފެއްދުމަށް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން، ބަނޑުގެ ތެރޭގައި ހުންނަ ފާރު ހިއްކުމަށް ވެސް މި ޑިވައިސް ބޭނުންކުރެވިދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
މި އީޖާދުގެ އެންމެ ބޮޑު އެއް ޚާއްޞިއްޔަތަކީ، މި ޑިވައިސް ބޭނުންކުރުމަށްޓަކައި ހަށިގަނޑުގެ އެއްވެސް ތަނެއް އޮޕަރޭޝަންކޮށް ހެދުމުގެ ބޭނުމެއް ނެތުމެވެ. މިހާރުގެ ފަރުވާތަކުގައި ގިނަ ފަހަރަށް ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހެއެވެ.
ލެބޯރެޓަރީ ފޯ އެޑްވާންސްޑް ފެބްރިކޭޝަން ޓެކްނޮލޮޖީސް ލެބްގެ ހެޑް، ވިވެކް ސުބްރަމަނިއަން ވިދާޅުވީ، "އިން-ސިޓޫ ބަޔޯޕްރިންޓަރުގެ އަސާސްތަކާއި، ސްމާޓް ކެޕްސޫލްތަކުން ބޭސް ދޫކޮށްލުމުގެ ކޮންސެޕްޓް އެއްކޮށްލުމުން، މި ފެނުނީ އާ ބާވަތެއްގެ ޑިވައިސްއެއް، ބޭސް ގުޅައެއްގެ ބޮޑުމިނުގެ، ދިރުވޭ ބަޔޯޕްރިންޓަރެއް." ކަމަށެވެ.
ދިރާސާވެރިން އުންމީދުކުރަނީ މި އުފެއްދުން ބަނޑުގެ ބަލިތަކުގެ އިތުރުން، ހަށިގަނޑުގެ އެހެން ބައިތަކުގައި ހުންނަ ޓިޝޫތަކުގެ ގެއްލުންތައް ރަނގަޅުކުރުމަށް ވެސް ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް، އާންމުންނަށް މި ފަރުވާ ލިބެންދެން ވަރަށް ގިނަ ދިރާސާތަކާއި ތަޖުރިބާތައް ކުރަން ޖެހޭނެ ކަމަށް ވެސް އެމީހުން ފާހަގަކުރެއެވެ. މި ދިރާސާގެ ތަފްޞީލުތައް އެޑްވާންސްޑް ސައިންސް މަޖައްލާގައި ޝާއިޢުކޮށްފައިވެއެވެ.
 
											
										 
					 
                 
                                                            