ހުއްދަނެތި ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަންގެ ނަމާއި ފޮޓޯ އަދި ވީޑިއޯގެ އިތުރުން އެކްޓަރުގެ އަޑު ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ ނިއު ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ރިތިކްގެ ޓީމުން ހުށަހެޅި މި މައްސަލައާ ގުޅިގެން ހައި ކޯޓުން ވަނީ އެކްޓަރުގެ ޕާސަނަލިޓީ ރައިޓްސް ކަށަވަރުކޮށްދީ އެފަދަ އަމަލު ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޯޓު އަމުރެއް ނެރެފައެވެ.
ބޮލީވުޑްގައި މަސައްކަތްކުރާ ފިލްމީ ތަރިންގެ އިތުރުން އިންޑިއާގެ އެހެނިހެން ދާއިރާތަކުގައި ވެސް މަސައްކަތްކުރާ ނަން މަޝްހޫރު ގިނަ ބަޔަކު އަންނަނީ އެ މީހުންގެ ޒާތީ ހައްގު ކަށަވަރުކޮށްދީ އާއްމުންގެ ފަރާތުން ރައްކާތެރިކަން ހޯދައި ދިނުމަށް އެދި ދިއްލީ ހައި ކޯޓަށް ހުށަހަޅަމުންނެވެ. އަދި އެއީ މިހާރަކަށް އައި ސެލެބްރިޓީންގެ މެދުގައި އިއާދަވަމުން އަންނަ ޓްރެންޑެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިތިކް ރޯޝަން އެކްޓަރުގެ ސަޕޯޓަރަކާ އެކު--ފޮޓޯ/އެންޑީޓީވީ
ހުއްދަނެތި ރިތިކްގެ ނަން ބޭނުންކުރާ މީހުންގެ ވެބް ސައިޓުތަކާއި ޕޭޖްތައް ނައްތާލަން ހައި ކޯޓުން އަމުރު ނެރުނުއިރު ރިތިކްގެ ފޭނުން އެކްޓަރަށް ޑެޑިކޭޓްކޮށްގެން ހިންގާ ޕޭޖްތައް އޭގެތެރޭގައި ނުހިމެނޭނެ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އެފަދަ ޕޭޖްތައް ނައްތާލުމާ މެދު ގޮތެއް ނިންމާނީ އެކްޓަރާ އެކްޓަރުގެ ޓީމުން ކަމަށް ހައި ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އަމިއްލަ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް އެދި ދިއްލީ ހައިކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހަޅާފައި ވަނީ ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަންއެވެ. އައިޝްވާރްޔާ ވަނީ ދަރިފުޅު އަރާދްޔާ ބައްޗަންގެ ފޮޓޯތަކެއް ހުއްދަނެތި ބޭނުންކުރާ މައްސަލައެއް ވެސް ތަންކޮޅެއް ކުރިން ކޯޓަށް ހުށަހަޅާފައެވެ.
އައިޝްވާރްޔާއަށްފަހު އަމިއްލަ ޒާތީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ހައި ކޯޓުގައި އެދުނު ފިލްމީ ތަރިންގެތެރޭގައި އަބީޝެކް ބައްޗަން، އަނިލް ކަޕޫރު އަދި ސުނިލް ޝެޓީ ވެސް ހިމެނެއެވެ.