މާލޭ ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވަން އާޒިމް ވިދާޅުވި ދެ ތާރީޚު ދިޔައިރު ވެސް ހާމަނުކުރައްވާ

މޭޔަރު އާދަމް އާޒިމް: އޭނާ ވަނީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި، ނަމަވެސް ބިންތަކުގެ ތަފްސީލު ހާމަކުރައްވަން ވިދާޅުވި ތާރީޚުތަކުގައި ތަފްސީލު ހާމަނުކުރެވުނު -- ފޮޓޯ/ ސިޓީ ކައުންސިލް

ވެރިރަށް މާލޭން ކުއްޔަށް ދޫކުރި ބިންތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި ދެ ތާރީޚު ވެސް ފަހަނަހަޅާ ހިނގައްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި އާޒިމް އޭރު ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭ މާލޭން ކުއްޔަށް ދޫކުރި ހުރިހާ ބިންތަކުގެ ތަފްސީލު އާންމުކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން އޭނާ މިދިޔަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު 'ސަން'އަށް ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު ބިންތަކުގެ ތަފްސީލު އާންމުކުރައްވާނެ ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭން ކުއްޔަށް ދޫކުރާ ބިންތަކުގެ ތަފްސީލު ހާމަކުރުމަކީ ގާނޫނުގައިވާ ގޮތުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބިމާ ބެހޭ މައުލޫމާތުތައް އެއްކޮށް ނިމިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި އެ މައުލޫމާތު އާންމުކުރުން އެންމެ ރަނގަޅުވާނީ ހުރިހާ ކައުންސިލުން އެކުގައި ތިބެ ބެލުމަށްފަހުގައެވެ.

"އެތާ އޮންނަ މައުލޫމާތަކީ ގޯސް އެއްޗަކަށް ވެއްޖިއްޔާ އެ ބޭފުޅުން އެބަ ތުހުމަތުކުރޭ ގަސްދުގައި ގޯސްކޮށް އޮތީއޭ ކިޔައިފަވެސް، ހުރިހާ ބޭފުޅުން ތިއްބަވައިގެން ހުރިހާ ބޭފުޅުން އިއްތިފާގުވާ ގޮތަކަށް މިކަން ކުރުމަށް އަޅުގަނޑަށް ވެސް ފެނޭ، އެހެންވީމާ އެގޮތަށް އަމަލުކުރެވިދާނެ،" އާޒިމް ވިދާޅުވިއެވެ.

"އަންނަ ހަފްތާގަ އަޅުގަނޑުމެން މި ބައްދަލުވުން ބާއްވައި، ހުރިހާ އެންމެން ބްރީފްކޮށްފައި ދެން އަންނަ ހަފުތާއެއްގައި މީތި ޕަބްލިޝްކުރެވޭ ވަރަށް މި މަސައްކަތްކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް، އެއީ މި ކައުންސިލް ވެގެން ދާނެ 15 އަހަރުގެ ތެރޭގައި މި ގާނޫނުގައި އޮތް ކަމެއް ތަންފީޒުކުރި ކައުންސިލަކަށް،"

އާޒިމް މިހެން ވިދާޅުވިތާ ދެ ހަފުތާ ފާއިތުވެގެން ދިޔަ ނަމަވެސް ބިމުގެ ތަފްސީލުތައް އަދިވެސް ކައުންސިލަކުން ހާމަ ނުކުރެއެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ކައުންސިލްގެ އާންމު ޖަލްސާއެއް ބޭއްވި ނަމަވެސް، އެ ޖަލްސާގައި ބިމުގެ ދަފްތަރާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ، ބިމުގެ ތަފްސީލުތައް އާންމުކުރުން ލަސްވަނީ ކައުންސިލުން މި މަހުގެ ފުރަތަމަ ދުވަހު އާންމުކުރި ލޭންޑް އިންފޮމޭޝަން ސިސްޓަމަށް މާލޭގެ ހުރިހާ ގޭބިސީއެއްގެ މައުލޫމާތު ހިމެނުމަށް ވަގުތު ނަގާތީ ކަމަށެވެ.

comment ކޮމެންޓް