މާލެއަށް ފަހު އާބާދީ އެންމެ ބޮޑު އައްޑޫގެ ޚާއްސަކަމަކީ ޒަމާނުއްސުރެ ދެކެވޭ ވާހަކައެކެވެ. ތައުލީމީ ގޮތުން ގާބިލު މީހުން ގިނަކަމުން ފެށިގެން ގޮސް، ގައުމުގެ ވެރިން ހޮވުމުގައި ވެސް ބާރު އޮތް ވާހަކައެވެ. ވެރިކަން ކުރާ ރަށަށް ފަހު އައްޑޫ ސިޓީއަކަށް ހެދީ ވެސް، އައްޑުއަށް ހައްގު ތަރައްގީ ގެނެސްދޭނެކަމުގެ ވައުދާ އެކުގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫއަކީ ސިޓީއެއް ކަމަށް އިއުލާންކުރައްވައި، އެ އަވަށްތަކުގެ "މަގުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު"ގެ މަސައްކަތްތައް ކޮށް، އެންމެން ވެސް ފަޚްރުވެރިވާނެ ފަދަ އައްޑޫ ސިޓީއެއް މުޅި ދުނިޔެއަށް ދައްކުވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން 14 އަހަރުވީއެވެ.
މަގުތައް އަދިވެސް ހަދަނީއެވެ. ފެނާއި ނަރުދަމާގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ގެންނަނީއެވެ. އިރުއިރުކޮޅާ ކަރަންޓު ކެނޑި، ދުވާލު ގަދަ ހޫނުގައި ނުވަތަ ރޭގަނޑު އަނދިރީގައި ތިބެން ޖެހެނީއެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑުއަށް ވަޑައިގަތުމުން އެ ކަންބޮޑުވުންތަކާ އެކު އިވިވަޑައިގަތީ، ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ލިބިދާނެ ގޮތުގެ ޚިޔާލުތަކެކެވެ. އެއީ، ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލެއް ގެނައުމަށް އެ ރައްޔިތުން ބޭނުންވާ ކަމެވެ. އެ ކަމަށް އިޖާބަ ދެއްވައި، ރައީސްގެ ގަރާރަކުން، އެ ތިން އަވަށަށް ޚާއްސަ ވޯޓެއް ބާއްވަން މަގުފަހިކުރެއްވިއެވެ.
ނަމަވެސް، 9576 މީހުންނަށް ބައިވެރިވެވޭ މި ވޯޓުގައި ސަރުކާރުން ވަކި އަތަކަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންގެ ނިންމުން ތަންފީޒުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ވޯޓު ނަގަނީ ރައްޔިތުންތަކެއް ބޭނުންވެގެން ނަމަވެސް، ވޯޓަށް ތައްޔާރުވުމަށާއި، ލިބޭ ނަތީޖާއަކުން އަންނާނެ ބަދަލަށް ހޭލުންތެރިކުރުން މަދުކަމަށް އިދިކޮޅު އެމްޑީޕީއާއި ޖަމިއްޔާތަކުން ވެސް ބުނެއެވެ. އަދި، ވޯޓުގެ ފޮރުވިފައިވާ މަގުސަދެއް އޮތްތޯ ވެސް ބައެއް މީހުން ސުވާލުކުރަމުންދެއެވެ.
އެ މައުޟޫއަށް ރޭ ވަނީ ވަރަށް ފުޅާކޮށް ބަހުސްކޮށްފައެވެ. "މިހާރު" ނޫހުން ބޭއްވި "އައްޑޫ ބަހުސްގައި" ސިޓީ ކައުންސިލެއް އޮންނަން ތާއިދުކުރާ ސަބަބު އެނގިއްޖެއެވެ. އަދި، އެކަމަށް ތާއިދުނުކުރަނީ ކީއްވެކަން ވެސް ހާމަަވެއްޖެއެވެ.
އޭގެ އިތުރަށް، ހޫނު ރައްދުތަކާއި އައްޑޫގެ ވާހަކަތައް ވެސް ދައްކައިފިއެވެ.
އެތައް އަހަރެއްވީ ބަހުސެއް
ފޯރިއާއި ޖޯޝުގައި ކުރިއަށް ދިޔަ މި ބަހުސްގައި އައްޑޫ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އިމާދު ސޯލިހު ވިދާޅުވީ، އެ އަތޮޅު ސިޓީއަކަށްވީ ގޮތް ރަނގަޅު ނޫން ކަމަށެވެ.
އިމާދު ގަބޫލުކުރައްވާ ގޮތުގައި، 2010ގައި ލާމަރުކަޒީ ނިޒާމު ތަސްދީގުވިއިރު، ގާނޫނުގެ 55 ވަނަ މާއްދާއިން މާލެއަކީ ސިޓީއެއް ކަމަށް ކަނޑައަޅައި އިތުރު އަކުރުތަކުގައި ރާއްޖޭގެ އެހެން ސަރަހައްދެއް ސިޓީއަށް ވާސިލުވެވޭނެ އިޖުރާއަތެއް ކަނަޑައަޅައިދީފައިވެއެވެ. އައްޑުއަށް ސިޓީއެއް ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހެއް ގެނެވެން އޮއްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުރެއްވީ އެގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޚާއްސަކޮށް އޭރުގެ ސަރުކާރުގެ މެޖޯރިޓީ އޮވެމެ، އެކަން ނުކުރައްވައި، ނަތީޖާއަކަށްވީ އެކަން އައިސް މިއަދު އަނެއްކާ ވެސް 15 އަހަރު ފަހުން މި ބަހުސަށް އަޅުގަނޑުމެން ދާން ޖެހުނީ،" އިމާދު ވިދާޅުވިއެވެ.
އެ މައްސަލަ އޭނާ ސިވިލް ކޯޓަށް ވެސް ހުށަހެޅުއްވިއެވެ.
"އިޖުރާއަތްތައް ފުރިހަމަކޮށްގެން ރަނގަޅަށް ކުރެވެން އޮތް ކަމެއް [އައްޑުއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ] ކީއްވެގެންތޯ މާލެ ސިޓީގެ ދަރަޖަ ގާނޫނުން ދީފައި ރައީސުލްޖުމްހޫރިއްޔާ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއްގެ ގޮތުގައި އައްޑުއަށް ސިޓީއެއްގެ ދަރަޖަ ދޭންވީ،" އިމާދު ފާހަގަކުރެއްވިއެވެ.
އޭނާހެ އެ ވާހަކައަށް ތާއިދުކުރާ ވާހަކަތަކެއް ދެއްކެވީ، ހުޅުދުއަށް އުފަން އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)އެވެ. އޭނާ ވިދާޅުވީ، އައްޑުއަކީ ކުއްލިއަކަށް ސިޓީއެއް ކަމަށް އިއުލާނުކޮށް، ދެން ހުރި ރަށްތައް އަވަށްތަކަށް ބަދަލުކުރި ކަމަށެވެ.
"ބަދަލުކުރިއިރު، މުޅި ގާނޫނުގައި ވެސް ނެތް އަވަށްތަކުގެ ދައުރެއް. އެއީ ވަކި ޝަޚުސެއް. އަވަށްތަކަށް ބަދަލުވީމާ ގާނޫނީ ޝަޚުސު ވެސް ދިޔައީ،" ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ އިމާދު ސޯލިހް: އައްޑޫއަކީ ސިޓީއެއް ކަމަށް އިއުލާންކުރި ގޮތާ ގުޅޭ ގޮތުން ވާހަކަދެއްކެވި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން
އޭނާ ވިދާޅުވި ގޮތުގައި، ސިޓީއެއް އުފެއްދެނީ އެ ރަށެއްގައި ދިރިއުޅޭ އާބާދީއަށް ބިނާކޮށްފައެވެ.
"އެހެންވީމާ އަސްލު ހަގީގަތުގައި އައްޑު އަތޮޅުގައި މި ވަގުތު އޮތީ އަޅުގަނޑުގެ ނަޒަރުގައި ޣައިރު ގާނޫނީ ސިޓީއެއް،" ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް އިމާދު ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ލޯކަލް ގަވަމެންޓް އޮތޯރިޓީ އުފައްދައި، އެއަށް ފަހު އައްޑޫއަކީ ސިޓީއަކަށް ކަނޑައެޅުމުން ހާލަތު ބަދަލުވި ކަމަށެވެ.
އެއް ސިޓީއެއް ނަމަވެސް، އެކަހެރިކޮށް އޮތް ހުޅުދުއާއި މީދޫގެ ތަޖުރިބާ ތަފާތު؟
މި ބަހުސް އިތުރަށް ފޯރިގަދަވީ، ހުޅުދުއާއި މީދޫން ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެ، ވަކި ކައުންސިލަކަށް ތާއިދުކުރުމުންނެވެ. ޝަކުވާއަކަށްވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވެރިކަން ކުރާ ހިތަދޫ އޮތްއިރު، އެ ރަށްތަކަށް ޚިދުމަތްތައް ލިބިފައި، ވަކިން އެއްފަސްކޮށް އޮންނަ ހުޅުދުއާއި މީދޫ ޚިދުމަތުގެ ގޮތުން ވެސް އެކަހެރިވެފައި އޮތުމެވެ.
އެ ކަންބޮޑުވުން ހިއްސާކުރެއްވީ، ހުޅުމީދޫ އެއް ކައުންސިލެއްގެ ގޮތުގައި އޮތްއިރު ކައުންސިލަރަކަށް ހުންނެވި އަލީ މުޙައްމަދެވެ. އޭނާ ވިދާޅުވީ، ކުރިން ރަށު އޮފީހުން ލިބުނު އެތަކެއް ޚިދުމަތްތަކެއް ސިޓީ ކައުންސިލަކަށް ބަދަލުވުމުން ހުއްޓުނު ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގެ ތެރެއިން ސިޓީއެއް އުފެދުނުއިރު އެ ރަށަށް ފައިދާއެއްނުވާ ކަމަށް އަލީ ވިދާޅުވިއެވެ.
"އައްޑޫ ސިޓީއެއްގެ ގޮތުގައި އޮތްއިރު، ސިޓީގެ އެހެން އަވަށްތަކުގެ މީހުން ހުޅުދޫމީދުއަށް ދާންޖެހޭ އެއްވެސް ރީޒަނެއް އެބައޮތްތޯ؟" ހުޅުދޫއާއި މީދޫގެ ރައްޔިތުން އެކި ކަންކަމަށް ހިތަދުއަށް ދާން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
އެ ވާހަކައަށް ގޮންޖައްސަވައި އިމާދު ވިދާޅުވީ، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއް ހޯދަން ހުޅުދޫމީދޫ ރައްޔިތުން ކަނޑުދަތުރު ކޮށްފައި ދާންޖެހޭ ޚިދުމަތެއް ވިދާޅުވެދެއްވައިފިނަމަ، "މައިކު ދޫކޮށް ވަޑައިގަންނަވާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ، ރަށްވެހިކަމުގެ ޚިދުމަތެއް ހޯދަން ހުޅުދުއާއި މީދޫގެ އެއްވެސް ރައްޔިތަކު ހިތަދޫއަށް އަންނަން ނުޖެހޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެކަން އޮތީ އެގޮތަށް ނޫން ކަމަށް ވިދާޅުވާނަމަ، އެ ހައްދަވަނީ އިތުރުފުޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން: އައްޑޫ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އަލީ ވިދާޅުވީ، ދައުލަތުން ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ހުރި ކަމަށެވެ. އެގޮތުން، އެ އަވަށްތަކުގެ މީހުންނަށް އެންމެ ބޮޑަށް ގެއްލިފައިވަނީ، ކަންކަމަށް ވަކާލާތު ކުރުމަށް ލިބޭ ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ކައުންސިލް ކުރިމަތީގައި އަޅުގަނޑުމެން މިކަމާ ނުރުހެޔޭ ބުނަން. އެކަމަކު، އަޅުގަނޑުމެންގެ ހުޅުދޫމީދޫ ރައްޔިތުންނަށް އެ ފުރުސަތެއް ނެތް،" އަލީ ވިދާޅުވިއެވެ.
ބައިބައިކުރަން އުޅުމުގެ ތުހުމަތު
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ، ފޭދުއަށް ނިސްބަތްވާ އަހުމަދު މަރުޒޫގް ވާހަކަ ފެއްޓެވީ، 1970ގެ އަހަރުތަކުގައި އިނގިރޭސީން އައްޑޫ ދޫކޮށް ދިޔަ ހިސާބުން އަތޮޅުގެ ރައްޔިތުން ކުރި ތަޖުރިބާއިންނެވެ. އޭރު އާމްދަނީ ހޯދާނެ ގޮތެއް ނެތުމުން، އަތޮޅުގެ ފިރިހެނުންނަށް ޖެހުނީ ވަޒީފާ ހޯދަން މާލެ ސަރަހައްދަށް އައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު، އާއިލާ އެއްތަން ވުމަށް ޓަކައި އަނބިދަރިން ވެސް މާލެ ބަދަލުވާން ފެށިކަން މަރުޒޫގް ފާހަގަކުރެއްވިއެވެ. އެކަން މިހާރު ވެސް އޮތީ އެގޮތަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މަރުޒޫގް ތުހުމަތުކުރެއްވީ، މި ވޯޓު ނެގުމުގައި ތަފާތު މަގުސަދެއް އޮތް ކަމަށެވެ.
"ޑިވައިޑް އެންޑް ރޫލް މީގެ އަސްލު އެއްޗަކީ. މިއީ ހަގީގަތް. މާލޭގައި ތިބި ބަޔަކު ފިނި ކޮޓަރީގައި ތިބެ، ޑިޒިޝަން ނަގަން.. އައްޑޫ މީހުންގެ އަޑު މާ ގަދައީ އެއްކޮށް އޮތުމުން، އެކަން ބަދަލުކުރަން އެ އުޅެނީ. އެ ނޫން އެއްވެސް ކަމެއް ނޫން،" އޭނާ ތުހުމަތުކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީއާއި ބައެއް ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމާ އެއްގޮތަށް، މަރުޒޫގް ވެސް ގޮވައިލެއްވީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވޯޓަށް ހޭލުންތެރިކުރުމަށެވެ. އެ ބަހުސްގެ އޯޑިއެންސްގައި ހުންނަވައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވެސް އަލިއަޅުއްވައިލެއްވީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮތުމުގެ މުހިންމު ކަމެވެ.

ފޭދުގައި އޮތް ޖަލްސާއެއްގައި އަޒާން: އައްޑޫ ބައިބައިވެއްޖެ ނަމަ، އެ ސިޓީގެ ބާރު ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިޖުރަ ކުރަން ޖެހިފައިވަނީ އިގުތިސާދީ ފުރުސަތުތައް ނުލިބުމުންކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ މި ބަދަލު ގެނެސްގެން، މީގެ ތެރެއިން ކަމަކަށް ހައްލެއް ލިބޭނެތޯ؟ އަޅުގަނޑަކަށް ހިއެއްނުވޭ ލިބޭނެހެނެއް. އެ ހައްލެއް ނުލިބޭނެ. ދެން މިކަން ކުރުމުން ލިބޭނެ ބައިވަރު ގެއްލުންތައް އެބަހުރި،" އަޒާން ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ އެއް ކަމެއް ފާހަގަވަނީ. އައްޑުއަށް ލިބިފައި މި އޮތް ބާގެއިނިން ޕަވާ، ޕޮލިޓިކަލީ މި އޮންނަ ބާގެއިނިން ޕަވާ އެއްކޮށް ގެއްލޭނެ،"
އެ ވޯޓަށް ފަހު، ވަކި ރަށްތަކުގައި ވަކި ކައުންސިލްތައް އޮންނަ ނަމަ، ކޮންމެ ސަރުކާރަކުން ވެސް ވައުދުވާނީ ވަކި މަސައްކަތްތައް ވަކި ރަށްތަކުގައި ކުރިއަށްގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަންޒަރު މިހާރު އެހެން ބައެއް އަތޮޅުތަކުން ފެންނަކަން ފާހަގަކުރައްވައި، ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަޒާން މިސާލެއްގެ ގޮތުގައި ނެންގެވީ ކައިރިކައިރީގައި އޮންނަ ރަށްތަކުގައި ވެސް، ރައްޔިތުންގެ އެދުމަށް އެއާޕޯޓުތައް އަޅަން ޖެހުމެވެ.
"މާދަމާ ހުޅުމީދޫން ބުނާނެ ތިމަންނަމެން ބޭނުމީ އެއާޕޯޓެކޭ. ފޭދޫން ބުނާނެ ހިތަދޫ ހޮސްޕިޓަލަށް ދާން ބޭނުމެއް ނޫނޭ، ފޭދޫގައި ވެސް ހޮސްޕިޓަލެއް އަޅާށޭ. މިހާރު ވެސް އެފަދަ ވާހަކަ އެބަ ދެކެވޭ،" އޭނާ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކަށްވަނީ އަތޮޅަށް ޚަރަދު ކުރަން ޖެހޭ ފައިސާ ބައިބައިކޮށް، ކުދިކުދި ކަންކަމަށް ޚަރަދުކުރަން ޖެހުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި، ތިން ރަށުގައި ވަކި ކައުންސިލްތައް ހެދުމުން އިދާރީ މުވައްޒަފުން ލިބި، ކައުންސިލަރުން އިތުރުވިޔަސް، މިހާރު ބޭނުންވާ ތަރައްގީއަކީ ނުވަތަ 'ހައްގު މިންވަރަކީ' އެއީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާންގެ އެ ވާހަކައަށް އަލީ ރައްދު ދެއްވީ ތަފާސްހިސާބުންނެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް މިހާރު ވެސް 'ޑުޕްލިކޭޓްވެ'، ގައުމު އޮތީ ދަރަނިވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހުޅުދޫގެ އާބާދީއަކީ 3،767. ހއ. އިހަަވަންދޫގެ އާބާދީއަކީ 3،763. ހއ. އިހަަވަންދުއަށް އެބަލިބޭ 18.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގެ ގްރާންޓުގެ ގޮތުގައި.. ހުުޅުދޫއަށް ނިސްބަތުން ރިކަރަންޓް އެކްސްޕެންސެސް ގޮތުގައި ހިނގަނީ އަހަރަކަށް 11 މިލިއަން ރުފިޔާ، 11 މިލިއަން ނާރާ،" އަލީ ވިދާޅުވިއެވެ.
އޭނާގެ ވިސްނެވުމަކީ، ހުޅުދުއަށް ވެސް 18 މިލިއަން ލިބޭ ނަމަ ގާތްގަނޑަކަށް ހަތް މިލިއަން ސަލާމަތްކޮށްގެން ރަށުގެ ކުރިއެރުމަށް ކައުންސިލަށް މަސައްކަތް ކުރެވޭނެ ކަމެވެ.
ބަހުސްގެ ވަގުތު ހަމަވީއިރު، ބައިވެރިވި ބޭފުޅުންނަށް އެއްގަލަކަށް ނޭރުނު ގިނަ ކަންތައްތަކެއް ހުއްޓެވެ. ނަމަވެސް، މިއީ ދުވަސްވީ މައްސަލައެއް ކަމާއި، ރައްޔިތުން އެދެނީ އައްޑުއަށް ހަގީގީ މާނައިގައި ތަރައްގީ ލިބުންކަން އެއްބަސްވެވުނެވެ.