މަރުކަޒީ ބޭންކު، އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް މަސައްކަތްކުރުމަކީ، އަލަށްކުރާ ނުރައްކާތެރި ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.
އެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ހިމެނިވަޑައިގަންނަވައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާގާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި، އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ވެސް ބަންދުވެފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކާއި ބޭންކުތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމީކަމަށެވެ.
އެމްޑީޕީން ބުނީ، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް އެ ކުރަނީ ނުރައްކާތެރި ކަމެއް ކަމަށެވެ.
މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ކުއްލި ވަބާއާއެކު، މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން މުޅިން ހުއްޓުނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔައެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން ސަރުކާރުން ކަށަވަރުކޮށްފައިވެއެވެ،" މިދިޔަ އެމްޑީޕީ ސަރުކާރުގައި ދިމާވި ކަންކަން ފާހަގަކޮށް ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނީ ކޮވިޑުގެ ހާލަތުގައި ޚަރަދުތައް ހަމަޖައްސަން ޖެހުނީ، އެމްއެމްއޭއިން އެޑްވާންސްކޮށް ފައިސާ ނަގައިގެން ކަމަށެވެ. އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުމާއި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުމުގެ ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ، އެ ގޮތަށް ފައިސާ ނެގުމަށް ޤާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައިވަނީ، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.
އަދި މިއީ މީގެ ދެމަސް ދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާ ވެސް ޚިލާފަށް ކުރާ ކަމެއް ކަމަށް ބުންޏެވެ.
"އެ ފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ޤާނޫނީގޮތުން ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ޢައިރުޤާނޫނީ ޢަމަލެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން، ސަރުކާރުގެ މި ފަދަ ޢައިރުޤާނޫނީ ކަންކަމުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ،" އެ ޕާޓީން ބުންޏެވެ.
މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ފައިސާ ޗާޕުނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެންމެފަހުން ޕީއެންސީން ބޭއްވި ޖަަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވެސް ރައީސް ވަނީ އިގްތިޞާދީ ދުވެލި ރަނގަޅު ކަމަށާއި، ފައިސާ ޗާޕުނުކޮށް، ދަރަނި ވެސް ދައްކައި މެނޭޖުކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.