ބާ ދަގަނޑުގެ ވިޔަފާރިކުރާ 21 މީހަކު ޗެކުކޮށް، 14 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ބާ ދަގަނޑުގެ ވިޔަފާރި ކުރާ ބަޔަކު އިމިގްރޭޝަނުން ޗެކުކުރަނީ: 21 މީހަކު ޗެކުކޮށް، އޭގެން 14 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ---- ފޮޓޯ/ އިމިގްރޭޝަން

ބާދަނޑުގެ ވިޔަފާރިކުރާ 21 މީހަކު ޗެކުކޮށް، އޭތެރެއިން 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިދިޔަ އާދިއްތަ ދުވަހު ގެނެސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބާ ދަގަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެން އާދިއްތަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި 21 މީހަކު ޗެކުކޮށް، އޭގެތެރެއިން 14 މީހަކު ބެލުމުގެ ދަށަށް ގެނައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، މިފަހުން ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ގައުމީ އޮޕަރޭޝަނެއް ފަށާފައެވެ.

މި އޮޕަރޭޝަނުގައި ވަގުތުން ޑީޕޯޓުކުރާނެ ކަމަށް ފުރަތަމަ ބުނި ނަމަވެސް، އިތުރު ފުރުސަތެއް ދޭނެ ކަމަށް ފަހުން އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި، ބިދޭސީންގެ މައުލޫމާތު އެއްކުުރުމަށް ހޯމް މިނިސްޓްރީން އަންނަނީ "އޮޕަރޭޝަން ކުރަނގި" ހިންގަމުނެނެވެ.

comment ކޮމެންޓް