އިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު، 70 މުވައްޒަފުން ހޯދުމަށް ވޯކް އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
ވޯކްއިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.
މި އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 08:30 އިން 16:30އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސުކޫލުގައެވެ.

އިމިގްރޭޝަންގެ ވޯކް-އިން އިންޓަވިއުގެ ތެރެއިން -- ފޮޓޯ/ އިމިގްރޭޝަން
އެ މަގާމަށް ކުރިމަތިލާ މީހުންނަކީ، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑެއް ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ހަމައެހެންމެ، ހަޔާ ސެކަންޑްރީ ސްކޫލް އިމްތިހާނުގައި 'ދިވެހިން' ދަށްވެގެން "ސީ" ގްރޭޑު ލިބި ނުވަތަ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ތިނެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހެއެވެ.
އެ މީހަކީ، އަންނަ ނޮވެންބަރު އެކަކަށް 30 އަހަރު ވެފައިނުވާ މީހަކަށް ވާންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެ އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީއާއި އައިޑީ ކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްތަކެވެ.
މި މަގާމަށް އަސާސީ މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.
މިދިޔަ މެއި 25ގައި، 50 ވަޒީފާއަށް މީހުން ހޯދުމަށް އިމިގްރޭޝަނުން ވޯކްއިން އިންޓަވިއުއެއް ބޭއްވިއެވެ. އެ އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އޭރު ޖުމުލަ 200 ޓްރެއިނީ އޮފިސަރުން ނަގަން ނިންމަފައިވާއިރު، އިތުރު 150 މީހުން އެމަގާމުތަކަށް އަދި ނަގާނެ ކަމަށް ކުރިން އިމިގްރޭޝަނުގެ އޮފިޝަލަކު 'ސަން'އަށް ވަނީ ވިދާޅުވެފައެވެ.