ފިލްމު "ސައްޔާރާ"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ އަނީތު ޕައްޑާގެ ކެރިއަރުގެ ދެވަނަ ފިލްމުގައި ބަތަލާގެ ކެރެކްޓާ ފިލްމު "ތަމާ" ބަލަން ސިނަމާއަށް ދާ މީހުންނަށް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން މެޑްޑޮކް ފިލްމްސްއިން މިއަދު ސިނަމާތަކުގައި ރިލީޒްކުރާ ފިލްމު "ތަމާ" އަޅުވާ އިންޑިއާގެ ހުރިހާ ސިނަމާތަކެއްގައި ވެސް އަނީތުގެ ކުރިއަށް އޮތް ފިލްމުގެ ފެނިލުމެއް ބެލުންތެރިންނަށް ދައްކާލަން ވަނީ ހަމަޖެހިފައެވެ.
އެ ފިލްމަކީ "ޝަކްތީ ޝާލިނީ"ގެ ނަމުގައި އެ ސްޓޫޑިއޯއިން އިއުލާނުކޮށްފައިވާ ފިލްމެކެވެ. އަނީތުގެ ކުޑަ ވީޑިއޯ ކްލިޕެއް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދާދި ފަހަކާ ޖެހެންދެންވެސް މެޑްޑޮކް ފިލްމްސްއިން ބުނަމުން އައީ އަނީތު އެ ސްޓޫޑިއޯގެ ޕްރޮޖެކްޓަކަށް ނުގެންނަ ކަމަށެވެ.
މެޑްޑޮކްގެ ކުރިއަށް އޮތް ފިލްމު "ޝަކްތީ ޝާލިނީ"ގެ ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ދާދިފަހުން އަލަތު ދަރިފުޅު ވިހެއި ބަތަލާ ކިއާރާ އަދުވާނީއަށެވެ.

ފިލްމު "ޝަކްތީ ޝާލިނީ"ގެ ޕޯސްޓަރެއް އަދި ބަތަލާ އަނީތު--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ކިއާރާގެ ބަދަލުގައި "ޝަކްތީ ޝާލިނީ"އަށް އަނީތު ގެންނަން ނިންމީ މި އަހަރު ނިމުމުގެ ކުރިން އެ ފިލްމުގެ ޝޫޓިންގް ފަށަން ތާވަލުކޮށްފައިވާތީއެވެ. އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ކިއާރާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ތާރީޚެއް ޔަގީން ނުވާއިރު ބަތަލާ ވަނީ ފަހުން ލިބުނު ވަރަށް ގިނަ ފިލްމީ ފުރުސަތުތައް ދޫކޮށްލާފައެވެ.
އޭގެތެރޭގައި ކިއާރާ ސޮއިކޮށް އަމަލީ މަސައްކަތް ފަށަން ތައްޔާރުވި ޑައިރެކްޓަރު ފަރުހާން އަހްތަރުގެ މަގުބޫލު ފްރެންޗައިސް "ޑޮން"ގެ ތިންވަނަ ފިލްމު ވެސް ހިމެނެއެވެ.
ފިލްމު "ސައްޔާރާ"އަށް ފަހު ގިނަ ފިލްމީ ފުރުސަތުތަކެއް ލިބެމުން އަންނަ ޒުވާން ބަތަލާ އަނީތު އިތުރު ފިލްމަކަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް އަނީތު އާއި އަހާންއަށް ޔަޝް ރާޖް ފިލްމްސްގެ އިތުރު ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.