އައްޑޫ ވޯޓަށް 7 ލައްކައާއި 8 ލައްކައާ ދެމެދުގެ ޚަރަދެއް

ވޯޓުލުން ކުރިއަށްދަނީ: އައްޑޫ ރިފަރެންޑަމް ވޯޓަށް 7 ނުވަތަ 8 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް އީސީ އިން އަންދާޒާކުރޭ -- ފޮޓޯ/ އީސީ

އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ވަކިވަކި ކައުންސިލުތައް ގާއިމުކުރުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ހަތް ލައްކައާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އަންދާޒާކޮށްފިއެވެ.

"ސަން"އަށް މައުލޫމާތުދެއްވަމުން އީސީގެ މެންބަރު ސޮލާހު ރަޝީދު ވަނީ މި ވޯޓަށް ހަތެއް ނުވަތަ އަށް ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެކަމަކު، މި ވޯޓަށް ދާނެ ޖުމުލަ ޚަރަދު ކަށަވަރުކުރެވޭނީ ވޯޓުލުން ނިމުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދޫ، މީދޫ، އަދި ފޭދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، ވަކިވަކި ކައުންސިލްތައް އެކުލަވާލުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކަމަށް ބޭނުންވާ އިދާރީ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/212912

އެ ރަށްރަށުގައި ވަކި ކައުންސިލެއް އުފައްދަން ނިންމައިފި ނަމަ، ދެން އައްޑޫ ސިޓީ ކައުންސިލުން ބަލަހައްޓާނީ ހަމައެކަނި ހިތަދޫ، ގަން، މަރަދޫފޭދޫ އަދި މަރަދޫއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

  • ފޭދޫއިން 4،355 މީހުން
  • ހުޅުދޫން 2،874 މީހުން
  • މީދޫން 2،347 މީހުން

ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށަކުން ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި، ވެރިރަށް މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތުދީފައިވެއެވެ.

https://sun.mv/212860

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ވަނީ މި ވޯޓުގެ ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނެފައެވެ.

އައްޑޫގެ ރަށްތަކުގައި ވަކިން ކައުންސިލެއް އުފައްދަން ފެނޭތޯ ހޮނިހިރު ދުވަހު ވޯޓެއް ނަގާއިރު، އެ ވޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުނެ އެއް ބަޔަކު ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ތާއީދުކުރާއިރު، އަނެއް ބަޔަކު ބޭނުންވަނީ ވަކި ކައުންސިލްތައް އުފައްދައިގެން ނަފާ ހޯދާށެވެ.

އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ބަައެއް ޖަމިއްޔާތަކުން ވަނީ އަވަސް އަރުވާލައިގެން ވޯޓު ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް