މި އަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ މި އަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ. މި އެވޯޑަކީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި، ވޯލްޑް ޓޫރިޒަމް އެވޯޑްސްއިން ދީފައިވާ އެވޯޑެކެވެ.
މި އަހަރުގެ ގްލޯބަލް ޓޫރިޒަމް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި އެންމެ ޚާއްސަ އެއް ހަރަކާތުގެ ގޮތުގައި ކުރިއަށްގެންދިޔަ މި އަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހިރާއްޖެއަށް ލިބުނު މި އެވޯޑާ ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަނެވެ.
މި ހަފުލާގައި ޑރ. ވަޙީދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ރީޑިފައިނިން ޓޫރިޒަމް އިން އަ ޗޭންޖިން ވޯލްޑް،" މި ޝިއާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މި އަހަރުގެ ގްލޯބަލް ޓޫރިޒަމް ފޯރަމް އެނުއަލް މީޓިންއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ސިނާޢަތުގެ މުސްތަގުބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާ އެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރެއްވުމެކެވެ.
ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މި އަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.