އައްޑޫ ރިފަރެންޑަމް: ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އިންތިހާބެއްގައި ވޯޓުލާ މަންޒަރު: އައްޑޫގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އީސީއިން އާންމުކޮށްފި -- ސަން ފޮޓޯ/ މޫސާ ނަދީމް

އައްޑޫ ސިޓީ ފޭދޫ، މީީދޫ އަދި ހުޅުދޫގައި ވަކިވަކި ކައުންސިލުތައް އުފެއްދުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފިއެވެ.

އީސީއިން މިއަދު ވަނީ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. މި ވޯޓުލުން ކުރިއަށްގެންދާނީ ހޮނިހިރު ދުވަހެވެ.

މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، ކޮމިޝަނުގެ ވެބްސައިޓް ގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.

ހުޅުދޫ، މީދޫ، އަދި ފޭދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، ވަކިވަކި ކައުންސިލްތައް އެކުލަވާލުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކަމަށް ބޭނުންވާ އިދާރީ ތައްޔާރީތައް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ރަށްރަށުގައި ވަކި ކައުންސިލެއް އުފައްދަން ނިންމައިފި ނަމަ، ދެން އައްޑޫ ސިޓީ ކައުންސިލުން ބަލަހައްޓާނީ ހަމައެކަނި ހިތަދޫ، ގަން، މަރަދޫފޭދޫ އަދި މަރަދޫއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:

  • ފޭދޫއިން 4،355 މީހުން
  • ހުޅުދޫން 2،874 މީހުން
  • މީދޫން 2،347 މީހުން

ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށަކުން ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް