ދިރާގު ރޯޑް ރޭސް: 4,500އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު

ދިރާގު ރޯޑް ރޭސްގެ މަންޒަރެއް: އެކި ހަރަކާތްތަކާއެކު ދިރާގުން ރޯޑް ރޭސް 2025 ބާއްވަން ތައްޔާރުވެއްޖެ---ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ހުކުރު ދުވަހު ބާއްވަން ދިރާގުން ތައްޔާރުވެއްޖެއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ދިރާގުން މައުލޫމާތުދީފައިވެއެވެ.

ޑީއެމްއާރްއާރްއަކީ ވާލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ޑީއެމްއާރްއާރްގެ ދުވުންތައް ކުރިއަށްދާނެ ގަޑިތަކަކީ:

* ހާފް މެރެތަން: ދަންވަރު 2:30ގައި
* 10 ކިލޯމީޓަރު: ފަތިހު 5:30ގައި
* 5 ކިލޯމީޓަރު: ހަވީރު 4:30ގައި

މި ދުވުން ކުރިއަށްދާ ވަގުތު، ދުވުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، ދިރާގުން ބުނީ ފަސް ކިލޯމީޓަރު ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ، ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓުން، ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިނުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް