މާލެއާއި ވިލިމާލޭގެ ގޭގައި އާންމުކޮށް ފެންނަ ގޮތަށް ނަންބޯޑު ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ރަސްމީ ބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކުރާއިރު، ބައެއް ގެތަކުގައި އާންމުކޮށް ފެންނަ ގޮތަށް ގޭގެ ނަން ބޯޑު ހަރުކޮށްފައި ނުހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލޭގެ މަގެއް މަތި: މާލެއާއި ވިލިމާލޭގެ ގޭގައި ފެންނަ ގޮތަށް ނަން ބޯޑު ހަރުކުރަން އަންގައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންވެ، ހުރިހާ ގޭގޭގެ ނަންބޯޑު އާންމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގެ ގެތަކަށް އެކި ކަންކަމުގައި ޒިޔާރަތްކުރެއެވެ. އެގޮތުން، އެ ގެތަކުން ރިޕޯޓުކުރާ މައްސަލަތަކާ ގުޅިގެން އެތަންތަނުގެ ހާލަތު ބެލުމަށް ވެސް އެ ކައުންސިލުން ޒިޔާރަތްކުރެއެވެ.
 
											
										 
					 
                 
                                                            