މާލެގައި ހުރި ދުވަސްވީ ސިނަމާލެ ފުލެޓެއްގެ ފެންލައިޓު ބޭރުން ކޮންކްރީޓުގަނޑެއް ވެއްޓި، ސައިކަލަކަށް މިއަދު ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާއާ ފެންނަ، ވީޑިއޯއަކުން ފެންނަ ގޮތުގައި، ސިނަމާލެ ފުލެޓަކުން ވެއްޓިފައި ވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބޭރުގައި ހުންނަ ފެންލައިޓު ކޮންކްރީޓުގަނޑެވެ.
އެ ވަގުތު އެ ފުލެޓު ކައިރީ ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންތައް ލިބިފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.
ސިނަމާލެ ފުލެޓުތަކަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ފުލެޓުތަކެކެވެ. އެ ފްލެޓުތައް އެ ތަން ލިބުނު މީހުންނާ ހަވާލުކޮށް އެ ތަނުގައި މީހުން ދިރިއުޅެން ފެށީ 1990ވަނަ އަހަރުގެ ޖުލައި މަހެވެ. މިހާރު އެ ސިނަމާލެ ފްލެޓުތަކަށް 32 އަހަރު ވެދާނެއެވެ.
އެއިރަށް ބަލާނަމަ އެ ފްލެޓުތަކަކީ އެންމެ ތަނަވަސް، އެންމެ ހިތްގައިމު ފްލެޓުތަކެވެ.
ނަމަވެސް މިއަދު އެ އެ ފްލެޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭނަމަ އެންމެ މަތީ ފްލޯއަށް ފެން ފައިބައެވެ. ތަނުގެ ރައްކާތެރިކަމުގެ ގޮތުން ބަލާނަމަ ގިނަ މައްސަލަތަކެއް ވެސް އެ ފްލެޓުތަކުން ވަނީ ފާހަގަވެފައެވެ.
އިމާރާތްކުރިއިރު، 128 ފުލެޓުހުރި ސިނަމާލެ ފްލެޓްތައް ތަޅައިލައި އެ ތަންތަން އަލުން އިމާރާތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އޮތީ ނިންމާފައެވެ. އޭރު ނިންމާފައި އޮތީ، އެ ތަންތަނުގައި 18 ބުރީގެ ޓަވަރުތައް އެޅުމަށެވެ. އެކަމަކު، އެ މަސައްކަތް ފެށިފައިނުވަނީ ސަރުކާރުގެ ސަބަބުން ކަމަށް އޭރު މޭޔަރަކަށް ހުންނެވި ރައީސް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
 
											
										 
					 
                 
                                                            