ސިޔާސީ 'ކުލަ ޖައްސައިގެން' މިސްކިތްތައް ނުހުޅުވާނަން: ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާ ވިދާޅުވީ ކުލަގަދަކޮށް މިސްކިތްތައް ހުޅުވަން ބޭނުންނުވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ 'ކުލަ ޖައްސައިގެން' މިސްކިތްތައް ހުޅުވަން މާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަން ބޭނުންފުޅުނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިއަދު ވަނީ މަރަދޫގައި އިމާރާތްކުރާ މިސްކިތް ހުޅުވާނެ ދުވަހެއް މިނިސްޓަރު ގާތު އައްސަވާފައެވެ. މެންބަރު ވިދާޅުވީ، އަންނަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ރިބަން ކެނޑުމުގެ ވަރަށް ޝައުގުވެރިކަން ހުންނަވާ ރައީސެއް އަޅުގަނޑުމެންގެ ހުރީ،" އޭނާ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ތަންތަން ހުޅުއްވައިދެއްވަން ނޫން ކަމަށެވެ. އެ މަނިކުފާނު ރަށްރަށަށް ޒިޔާރަތްކުރައްވަނީ ރައްޔިތުންގެ ހާލު ބައްލަވައި، އެ މީހުން އަޑުއައްސަވައި، ބައްދަލުކުރައްވަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި، މަރަދޫގައި ހަދަމުން އަންނަ މިސްކިތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި އެކަން މެންބަރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ މިސްކިތުގެ ދެން ކުރަންޖެހޭ ކަންކަން ކުރުމުގައި އިރާދަކުރެއްވިއްޔާ އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މި ދަނީ ކުރަމުން. އެ ތަނަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަކުރުމަށްޓަކައި. އެހެންވީމާ ވަރަށް އަވަހަށް އެތަން ރަސްމީކޮށް ހުޅުވާނެ،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، ޝަހީމް ވިދާޅުވީ މިސްކިތްތައް ހުޅުވަން މާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަން ބޭނުންފުޅުނުވާ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ވިދާޅުވީ، މިސްކިތްތަކަކީ އަޅުކަން ކުރަން ގާއިމުކުރާ ބިނާއެއް ކަމަށާއި އެއީ ރޫހާނީ މަރުކަޒުތަކެއް ކަމަށެވެ. އެހެންވެ، އެ ތަންތަން ހުޅުވަން މާ ބޮޑު ރަސްމިއްޔާތުތަކެއް ބޭއްވުމަކީ ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ތަންތަން ހުޅުވުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ވަރަށް މާތް ގޮތަކަށް. އެހެންވީމާ އެ މަގުން އެކަންކަން ކުރިއަށް ދާނީ. މާ ސިޔާސީ ކުލަ ޖައްސައިގެން އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް