ވަޤުފްގެ ގާނޫނެއް ވުޖޫދުކުރަން އިސްލާމިކް މިނިސްޓަރު އިއުލާންކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވަޤުފުގެ ގާނޫނެއް ވުޖޫދުކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއުލާންކުރައްވައިފިއެވެ.

މިނިސްޓަރު މިކަން އިއުލާންކުރެއްވީ އިއްޔެ ސަރުކާރުގެ ވަޤުފް ފަންޑުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ "ދާރުލް އަރްޤަމް" ގެ މަސައްކަތް، ރަޝީދު ކާޕެންޓްރީސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ވަޤުފް ބިނާކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެކެވެ. އެއާއެކު މިނިސްޓަރު ވަނީ މުސްތަގުބަލުގައި ވަޤުފް ގާނޫނެއް ބިނާކޮށްގެން އެކި ފަރާތްތަކަށް އެކަމުން ފައިދާކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތްކުރަނީ މުސްތަގުބަލުގައި ވަަޤުފާ ބެހޭ ގާނޫނެއް ވުޖޫދުކުރަން. މި ކަމާ ބެހޭ ގާނޫނެއް ވުޖޫދުވެގެން އަންނަ އިރުގަ ސަރުކާރަށް އެކަންޏެއް ނޫން، އަމިއްލަ ފަރާތްތަކަށް ވެސް ވިޔަފާރިވެރިންނަށް ވެސް ވަޤްފުތައް ގާއިމުކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ ގާނޫނު މާތްﷲ އިރާދަކުރެއްވިއްޔާ ފަރުމާ ކުރާނަން" އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު

މީގެ އިތުރުން ވެސް، މިނިސްޓަރު ވަނީ ޤުރްއާނަށް ހާއްސަ ވަޤްފު މަޝްރޫއެއް ކުރިއަށްގެންދަވަން އިއުލާންކުރައްވާފައެވެ. އެ މަޝްރޫއުގެ ދަށުން "ނޫރު ޓަވަރު" އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޤްފު މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަޤުފާ ބެހޭ ގާނޫނެއް ވުޖޫދުކުރަން ކުރީގެ ސަރުކާރަކުން ވެސް މަަސައްކަތްކޮށްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ 2015ވަނަ އަހަރުގެ މެދުތެރޭގައި ވަޤުފް ގާނޫނުގެ ބިލެއް މަޖިލީހަށް ހުށަހަޅަން އަދި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށް ވެސް މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް