ގަމުގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށް، 300 ޔުނިޓްގެ މަސައްކަތް މި އަހަރު ކުރަނީ

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެޗްޑީސީގެ ޑީއެމްޑީ މުޙައްމަދު އަސްބާޙް އަލީ ނަޞީރު: ލ. ގަމުގައި 100 ހައުސިން ޔުނިޓް ތަރައްގީކުރުމަށް އެއްބަސްވެއްޖެ---ފޮޓޯ: ހައުސިން މިނިސްޓްރީ

ލ. ގަމުގައި 100 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށް، މި އަހަރު އެ ރަށުގައި 300 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ގަމަށް ވަޑައިގެން، ބައިވެރިވެވަޑައިގެންނެވި ޖަލްސާގައެވެ.

އެ ޖަލްސާގައި ވަނީ 100 ހައުސިން ޔުނިޓުގެ އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާޙް އަލީ ނަޞީރެވެ.

ހައުސިން މިނިސްޓްރީން ބުނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކާއެކު 100 ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރީ 410 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރޭ ހަވާލުކުރި 100 ޔުނިޓުގެ އިތުރުން، ގަމުގައި މިހާރު ހިނގަމުންދާ 100 ހައުސިން ޔުނިޓުގެ މަޝްރޫއާއި، 100 ހައުސިން ޔުނިޓުގެ އިތުރު މަޝްރޫއެއް ހިމެނޭގޮތަށް، ޖުމުލަ 300 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް މި އަހަރު އެ ރަށުގައި ކުރިއަށްގެންދާނެ ކަމަށެވެ.

https://sun.mv/212971

ގަމުގެ އާބާދީ 5،415އަށް އަރާ ކަމަށް، އެ ރަށު ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ.

އެ ރަށުގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ވެސް ރޭ އިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ލ. ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުން ހިމެނެއެވެ.

comment ކޮމެންޓް