މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ހިންގާ ފައިސާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.
އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި އަމިއްލަ ކުންފުނިތަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނީ ފައިސާ ޗާޕުނުކޮށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ފައިސާ ޗާޕުނުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ. ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އަންނަނީ އެ ތުހުމަތު ދޮގުކުރަމުންނެވެ.
އެހެންވިޔަސް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެމްއެމްއޭއިން އެ ފައިސާ ދިނުމުން ނުކުންނާނީ ފައިސާ ޗާޕުކުރުމުގެ އިގުތިސާދީ ނަތީޖާއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރުކޮށް، ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.
ޔާމީން މީގެ ކުރިން ވިދާޅުވީ، ޕެންޝަން އޮފީހުގެ ފިސްކަލް ޓޫލްއެއް ގަންނަން އެމްއެމްއޭއިން ބޭނުންކުރާނީ ރިޒާވްގައި ބަހައްޓާފައި ހުރި ފައިސާ ކަމަށެވެ. އެއީ، ދައުރުވާ ނުވަތަ ސާކިއުލޭޝަންގައި ހުރި ފައިސާ ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެގޮތަށް އެއް ފަރާތްކޮށްފައި ހުންނަ ފައިސާ އިގުތިސާދަށް ނެރުމެކޭ، ޗާޕުކޮށްގެން އާ ނޫޓު ގެނައުމެކޭ ވާނީ އެއްގޮތް ކަމަށެވެ. ދެ މުއާމަލާތުގެ އިގުތިސާދީ ނަތީޖާއަކީ ވެސް ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.